ށ. މިލަންދޫގައި ގާއިމުކޮށްފައިވާ އިޖުތިމާއީ މަރުކަޒުގެ ހިންގުން މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ހަވާލުކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
މި ގޮތަށް ނިންމީ މިލަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 45 ވަނަ އާންމު ޖަލްސާއިންނެވެ.
މިލަންދޫ ކައުންސިލުން މި ގޮތަށް ނިންމާފައި ވަނީ އެ މަރުކަޒުގެ ހިންގުން ޔޫތު މިނިސްޓްރީއާއި ހަވާލުކޮށް ދިނުމަށް އެދި އެ މިނިސްޓްރީން ހުށަހެޅުމުންނެވެ.
އެހެންކަމުން މިލަންދޫ ކައުންސިލްގެ ފަސް މެންބަރުންގެ ވޯޓުން ފާސްކޮށްފައި ވަނީ ޔޫތު މިނިސްޓްރީން އެދުނުގޮތަށް އެ މަރުކަޒުގެ މުޅި ހިންގުން އެ މިނިސްޓްރީއާއި ހަވާލު ކުރުމަށެވެ.
މީގެކުރީން ޔޫތު މިނިސްޓްރީން ވަނީ ށ. އަތޮޅުގެ ވެރިރަށް، ފުނަދޫގައި ހުންނަ އިޖުތިމާއީ މަރުކަޒު ވެސް އެ މިނިސްޓްރީއާއި ހަވާލުކުރަން އަންގާފައެވެ. ނަމަވެސް ފުނަދޫ ކައުންސިލުން ވަނީ އެކަމާ އިތުރަށް ޔޫތު މިނިސްޓްރީއާއި ވާހަކަ ދައްކަން ބޭނުންވާ ކަމަށް ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!