ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހދ. ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ ނައިވާދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިވާދޫ ކައުންސިލަރުން ވަނީ އެރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާއި އަތޮޅުގައި އަދި ރަށާ ކައިރި ސަރަޙައްދެއްގައި ޓޫރިޒަމް ފުޅާކުރުމާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސް ޞާލިޙާއި މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ އެރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި މަޝްވަރާކުރައްވައި މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ.
އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތް އިތުރުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށާއި، ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!