ހއ. މަޑުލުން ޤަވާޢިދާ ޚިލާފަށް ވެލިނަގާ މައްސަލާގައި ފިޔަވަޅު އަޅައި، އެރަށް ވަރުވާއަށް ދޫކޮށްފައިވާ ފަރާތުގެ އަތުން ރަށް ވަކިކުރުމަށް ހއ. އަތޮޅު ކައުންސިލުން ގޮވައިލައިފިއެވެ.

ހއ. އަތޮޅު ކައުންސިލުން މިއަދު އާންމު ކުރެއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ދަނޑުވެރިކަންކުރުމަށް
ދިގުމުއްދަތަކަށް ދޫކޮށްފައިވާ، އެ އަތޮޅު މަޑުލުން ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް، ޒަމާނީ އާލާތްތައްބޭނުންކޮށްގެން ރަށުގެ ގޮނޑުދޮށުން ވެލި ނަގައި، ގައު އަޅައި، ފުޅާދާއިރާއެއްގައި ގަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ޝަކުވާ އެކައުންސިލަށް ލިބުނު މައްސަލައެއްގައި އެކަން ބަލާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން ކޮޅުވެއްޓި ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް ގަލާއި ވެލި އުފުލަމުންދާކަމުގެ ޝަކުވާ ލިބެމުން ދިޔުމާގުޅިގެން، އެ ކައުންސިލުން ބެލިބެލުމުން އެކަން އެގޮތަށް ހިނގަމުންދާކަން ފާހަގަ ކުރެވުނުކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

"ތިލަދުންމަތީ އުތުރުބުރީ "މަޑުލު" ވަރުވާއަށް ލިޔެފައިވާ ފަރާތުން ގިނަޢަދަދަކަށް ވެލިނަގައި، ރަށުގެ ތިމާވެއްޓަށް، ގެއްލުންލިބޭނެކަން އެނގިހުރެ އެރަށުގައި ގައު އަޅައި ވިޔަފާރީގެ ގޮތުގައި ގައު ވިއްކަމުންދާ ދިއުން އެންމެ ހަރުކަށި ޢިބާރާތުން މި ކައުންސިލުން ކުށްވެރިކުރަމެވެ. އަދި ދައުލަތުން އެރަށް ދޫކޮށްފައިވާ މަޤްޞަދާ ޚިލާފަށް، ޤާނޫނާ ޚިލާފު މަސައްކަތްތަކެއް ކުރަމުންދާތީ މިހާރު އެރަށް ވަރުވާއަށް ލިޔެފައިވާ ފަރާތުން ރަށް ވަކިކޮށް އެ މައްސަލަތައް ބަލައިދިނުމަށް، މި ކައުންސިލްގެ 4 ވަނަ
ދައުރުގެ 38 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާތީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ." ހއ. އަތޮޅު ކައުންސިލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މަޑުލު ތުނޑިން ވެލިނަގަމުންދާ މައްސަލައެއް މިދިޔަ މަހު ވަނީ ފެންމަތިވެފައެވެ. އެރަށު ތުނޑިން ވެލިނަގަމުން ދާ މަންޒަރު ރިކޯޑުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އާއްމު ފަރާތަކުން ބުނެފައިވަނީ އެރަށުން ވެލިނަގަމުންދަނީ އެރަށުގައި މަސައްކަތްކުރާާ ފަރާތުންކަމަށެވެ. މިމަންޒަރުތައް ނަގާފައިވަނީ މާރިޗް މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 13:10 ގަ އެވެ.

"މައުލޫމާތު ލިބިފައިވާގޮތުގައި މިމައްސަލަވަނީ މީގެކުރިން 2 ފަހަރަކު ފެންމަތިވެ ފުލުހުންގެ ސަމާލުކަމަށް ގެނެވި މިކަމަށް އަލިމަގެއްނުފެނި"

މި ވީޑިއޯ ހިއްސާ ކުރަމުން އެމީހާ ބުނެފައިވެއެވެ.

އެވީޑިއޯއިން ފެންނަމުންދަނީ އެރަށުގައި މަސައްކަތްކުރާ ފަރާތްތަކަކުން ފަކީރާ ބޭނުންކޮށްގެން އަތްގާޑިއަކަށް ވެލި އަޅަމުންދާ މަންޒަރެވެ. އެމަސައްކަތުގައި 3 މީހަކު ހަރަކާތްތެރިވާތީ ފެނެއެވެ. އަދި އިތުރު މީހަކު ވެލިނަގާ މަންޒަރު ބަލަން އަރުވާ ޖައިގެން ދެއަތް ފުރަގަހަށް ލައިގެން ހުންނަތަން ފެނެއެވެ. ބެލެވޭ ގޮތުގައި މިއީ ވެލިނަގާ މީހުން ސުޕަރވައިޒް ކުރުމަށް ހުރި މީހެކެވެ. ވެލިނަގަމުންދަނީ އެރަށުގެ ތުނޑިއާވީ ސަރަހައްދުންނެވެ. އެސަރަހައްދުގައި ވެލި އަޅާފައިވާ ބަސްތާތަކެއް ހުރި މަންޒަރުވެސް ފެނެއެވެ.

މި މައްސަލައާއި ގުޅިގެން މާރިޗް މަހު "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ހއ. އަތޮޅުގެ ރައީސް މޫސާ ޝަފީގް ވިދާޅުވެފައި ވަނީ އަތޮޅު ކައުންސިލްގެ ސަމާލުކަމަށް މިމައްސަލަ އެންމެ ފުރަތަމަ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ކަމަށެވެ. އެކަމާއި ގުޅިގެން އެންވަޔަރމެންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރމެންޓް ޕްރޮޓެކްޗަން އޭޖެންސީ އަދި ފުލުހަށް ވެސް މައްސަލަ ހުށައަޅާފައިވާ ކަމަށް ޝަފީގް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އަދި އެކަމަށް އެއްވެސް އަލިމަގެއް ފެނިފައި ނުވާކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ހއ. މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި އެޅިގާ އަޅައިގެން ވިއްކަމުން ދާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެކަމަށް "ތިލަދުން" އަށް ވާހަދެއްކި ހއ. އަތޮޅުގެ ބައެއް މީހުން މައުލޫމާތު ދީފަވެއެވެ. އެ މަންޒަރުފެނިފައިވާ އެ އަތޮޅު ބައެއް މީހުން "ތިލަދުން"އަށް މައުލޫމާތު ދިން ގޮތުގައި މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި ވިޔަފާރީގެ ގޮތުން ފުޅާ ދާއިރާއެއް ގައި އެޅިގައި އަޅައިގެން ވިޔަފާތި ކުރަމުންދާތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެއެވެ.

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލުން، ވެލި ނަގައި ގާއަޅައިގެން ވިއްކާތާ އަހަރެއް!

ބިމުގެ ބޮޑުމިނުގައި 16.6 ހެކްޓަރ ހުންނަ މަޑުލަކީ މަފްހާ ޕްރައިވެޓް ލިމިޓެޑްއަށް ވަރުވާގެ ގޮތުގައި ހަވާލުކޮށްފައިވާ ރަށެކެވެ.

ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމަށް އަދި ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެރަށް ބީލަމަށް ލާފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ބާރު އެޅުމުގެ ގޮތުން އެފަހަރު ބީލަމަށްލި ރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުށްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ. މި ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އަދި އުފައްދާ ތަކެތީގެ އިތުރު ތަފްސީލްވެސް އެފަރާތްތަކަށް ބީލަށް ކަރުދާހުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.