ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި އެޅިގާ އަޅައިގެން ވިއްކަމުން ދާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެކަމަށް ހއ. އަތޮޅުގެ ބައެއް މީހުން މައުލޫމާތު ދީފިއެވެ.

އެ މަންޒަރުފެނިފައިވާ އެ އަތޮޅު ބައެއް މީހުން "ތިލަދުން"އަށް މައުލޫމާތު ދިން ގޮތުގައި މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި ވިޔަފާރީގެ ގޮތުން ފުޅާ ދާއިރާއެއް ގައި އެޅިގައި އަޅައިގެން ވިޔަފާތި ކުރަމުންދާތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެއެވެ.

Ad
rt

މި ނޫހަށް ވާހަކަ ދެއްކި ބައެއްމީހުން ތުހުމަތުކުރާ ގޮތުގައި އެރަށުން ވެލި ނަގަމުން ދަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުންނެވެ. އަދި އެކުންފުނީގެ ކޮޅުވެއްޓި އެރަށް ކައިރީގައި ވެލި ނެގުމަށް އައިސްފައިވާ މަންޒަރު ފެނިފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ.

އެ އަތޮޅު ބައެއް މީހުން މި ނޫހާ ހިއްސާކުރި ފޮޓޯއަކާއި، ވީޑިއޯތަކުން ހައިމާކަކުން އެރަށު ތުނޑިން ވެލި ނަގަމުންދާ މަންޒަރު ފެނެއެވެ. އަދި ބޮޑު ކޮޅުވެއްޓިއެއް އެރަށާ ކައިރިކޮށްފައިވާ މަންޒަރު ފެނެއެވެ. ތުހުމަތުކުރާ މީހުން ބުނިގޮތުގައި ކޮޅުވެއްޓި އަކީ ހޯކްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ކޮޅުވެއްޓިއެކެވެ.

މި ނޫހާ މައުލޫމާތު ހިއްސާކުރި ބައެއް މީހުން ބުނީ، އެމީހުން އިސްނަގައިގެންވެސް ކަމާބެހޭ ފަރާތްތަކަށް މިމައްސަލަ ފޯރުކޮށްދިނުމަށް ވަރަށް ކުރިންސުރެ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އަދި ކޮންމެ ބަޔަކު ކުރި ނަމަވެސް މިކަން ހުއްޓުވައި އެބަޔަކަށް ހައްގު އަދަބު ދެވެން ޖެހޭނެ ކަމަށްވެސް ކަންބޮޑުވުމާއިއެކު ބުނެފައި ވެއެވެ.

އެރަށުން ވެލިނަގަމުން ދާ މަންޒަރު ފަހުން ފެންމަތިވެފައި މިވަނީ އާއްމު ފަރާތަކުން ރިކޯޑުކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ކޮށްފައިވާ ވީޑިއޯއަކާއި އެކުއެވެ. މިމަންޒަރުތައް ނަގާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ މެންދުރު 13:10 ގަ އެވެ.

މިމައްސަލާއި ގުޅިގެން "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ހއ. އަތޮޅުގެ ރައީސް މޫސާ ޝަފީގް ވިދާޅުވީ ކައުންސިލްގެ ސަމާލުކަމަށް މިމައްސަލަ އެންމެ ފުރަތަމަ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެކަމާއި ގުޅިގެން އެންވަޔަރމެންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރމެންޓް ޕްރޮޓެކްޗަން އޭޖެންސީ އަދި ފުލުހަށް ވެސް މައްސަލަ ހުށައަޅާފައިވާ ކަމަށް ޝަފީގް ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށްވެސް އަލިމަގެއް ފެނިފައި ނުވާކަމަށް ޝަފީގް ފާހަގަ ކުރެއްވިއެވެ.

މިމައްސަލަ އާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން މީގެ ކުރިން ބުނީ، މިމައްސަލަ މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ކަމަށެވެ. މިކަމުގެ ތަފްސީލެއް ހޯދުމަށް މިއަދު ފުލުހުން ނާއި ސުވާލު ކުރުމުން ޖަވާބެއް ދީފައެއް ނުވެއެވެ.

ބިމުގެ ބޮޑުމިނުގައި 16.6 ހެކްޓަރ ހުންނަ މަޑުލަކީ މަފްހާ ޕްރައިވެޓް ލިމިޓެޑްއަށް ވަރުވާގެ ގޮތުގައި ހަވާލުކޮށްފައިވާ ރަށެކެވެ.

ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމަށް އަދި ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގެ މަގުސަދުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އެރަށް ބީލަމަށް ލާފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ބާރު އެޅުމުގެ ގޮތުން އެފަހަރު ބީލަމަށްލި ރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުށްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ. މި ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އަދި އުފައްދާ ތަކެތީގެ އިތުރު ތަފްސީލްވެސް އެފަރާތްތަކަށް ބީލަށް ކަރުދާހުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މީހުން ދިރިއުޅޭ ރަށްރަށުންނާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުންނާއި، ފަޅުރަށްރަށުންނާއި އަދި ހިކިފަ ހުންނަ ތުނޑިތަކާއި ފިނޮޅު ފަދަ ތަންތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ ޝަކުވާ އަކީ އަބަދުވެސް ބޮޑު ޝަކުވާއެކެވެ.

މިފަދައިން ވެލިނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގޯސްވެ، ތިމާވެށީގެ އެކިއެކި މައްސަލަތަކާއި ކުރިމަތި ވަމުންދެއެވެ. ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމަކީ ނުހަނު ޚަރަދު ބޮޑު އެހާމެ އުނދަގޫ ކަމަކެވެ. ގަލާއި ވެއްޔާއި އަކިރި ނަގަންވާނީ ޤާނޫނު ނަންބަރު 77/78 "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި، ވެއްޔާއި، އަކިރި ނެގުމާބެހޭ ޤާނޫނު" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުން ކުރުމާބެހޭ ޤަވާއިދު" އާއި ޤަވާއިދު ނަންބަރު: 2013/R-15 " ދިވެހި ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ޤަވާއިދު" ގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ލިބިފައިވާ ތަންތަނުންނެވެ.

އާއްމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމުގައި، އެއެޖެންސީގެ ފަރާތުން ކަނޑައަޅާފައިވާ ސަރަހައްދުތަކުން އެ އުސޫލުތަކުގެ މަތިން ވެލި ނެގުމަށް ދޭތެރެ ދޭތެރެއިން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް ވެލިނަގާ ފަރާތްތަކާއިމެދު ޤާނޫނު ނަމްބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު) ގެ ދަށުން ހެދިފައިވާ ގަވާއިދު ނަންބަރު:2012/R-9 (ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު) ގެ ދަށުން ފިޔަވަޅު އަޅާނެއެވެ. މި ގަވާއިދުގެ ދަށުން ބޮޑެތި އަދަދުތަކުން ބައެއް ފަހަރު އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.