އުތުރުގެ އަތޮޅުގެ ރަށްތަކުގައި ޓޫރިޒަމް ފުޅާކުރުމަށް، އިންވެސްޓު ކުރާނެ ފަރާތްތައް ހޯދުމަށް މުމްބާއީގައި ބޭއްވި ފޯރަމްގައި ހދ. އަތޮޅު ކައުންސިލުން ބައިވެރިވެއްޖެ.
ހދ އަތޮޅު ކައުންސިލުން ވިދާޅުވީ މި ފޯރަމްގައި ބައިވެރިވެފައި މިވަނީ އެއަތޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯދުމަށާއި، ދަތުރުފަތުރު ފަހިކުރުމަށް އަދި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ.
އެގޮތުން މިމަހުގެ 14 އިން 16 އަށް އިންޑިޔާގެ މުމްބާއީގައި ބާއްވާ އައުޓްބައުންޑް ޓްރެވަލް މާޓް (އޯ.ޓީ.އެމް) ގައި ހދ. އަތޮޅު ކައުންސިލުގެ ފަރާތުން ބައިވެރިވެފައިވަނީ އެކައުންސިލްގެ ނައިބު ރައީސް، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު އަދި ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރުއެވެ.
މީގެ އިތުރުން މިފެއާރގައި އިންވެސްޓަރުންނާއި ބައްދަލުކޮށް ހދ. އަތޮޅުގެ ޙާލަތާއި، ފަތުރުވެރިކަމާއި، އެހެނިހެން ދާއިރާތަކުން އިންވެސްޓް ކުރެވެންހުރި ފުރުޞަތުތަކާބެހޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް އަތޮޅު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މި ފޯރަމަކީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގުޅިގެން މުމްބާއީގެ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ކުރިއަށްދާ ފޯރަމެކެވެ.
މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއާއި ގުޅުންހުރި އިދާރާތަކާއި، ރާއްޖޭގެ އެއަލައިންތަކާއި، ޓޫރިޒަމް އިންޑަސްޓްރީގެ ޖަމުއިޔާތައް ވެސް މިފޯރަމްގައި ބައިވެރިވާނެއެވެ.
މިފޯރަމްގައި ހއ. އަތޮޅުގެ ކައުންސިލްގެ ފަރާތުން ބައިވެރިވެފަ އެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!