ހދ. ކުޅުދުއްފުށި ސިޓީގެ އަންހެން ބޭފުޅުންނަށް އަމާޒުކޮށް "ގެވެށި ސާމާނު" ބަލަހައްޓަން ދަސްކޮށްދޭ ކޯހެއް ފެށުމަށް ހަމަޖެހިއްޖެއެވެ.
މިއީ އެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮޕް ޓެކްނޮލޮޖީ އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޚަދީޖާ މޫސާ ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމާރޗް މަހުގެ 17، 18 އަދި 19 މި ތިންދުވަހު ކަމަށެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރުވަނީ އެފުރުސަތު ހުޅުވާލާފައެވެ.
އެގޮތުން އެފަރާތްތަކުން މާރޗް މަހުގެ 15 (މާދަމާ) ގެ ހަވީރު 16:00 ގެ ކުރިން އެ ކޮމިޓީއިން ސޯޝަލް މީޑީއާގައި ހިއްސާކޮށްފައިވާ ގޫގަލް ފޯމް ފުރުއްވުމަށްފަހު ހުށައަަޅަން ޖެހޭނެއެވެ.
ޚަދީޖާ ވިދާޅުވެފައިވާ ގޮތުގައި މި ޕްރޮގްރާމަކީ "ގެވެށި ސާމާނު" އިސްތިރި، ރައިސްކުކަރ ފަދަ ގޭތެރޭގެ ހިފާ ގެންގުޅޭ މިފަދަ ބައެއް އާލާތްތައް ހަލާކުވުމުން އަލުން މަރާމާތު ކުރުމަށް އަންހެން ބޭފުޅުންނަށް ދަސްކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ. އަދި ހަލާކުވެފައިވާ މިފަދަ ސާމާނުތައް ހުރި ފަރާތްތަކުން އެކޮމިޓީގެ ނަންބަރ 9707557 ފޯންއާއި ގުޅުއްވާ އެތަކެތި ހަވާލުކޮށްދެއްވުމަށް އެކޮމިޓީއިން ވަނީ އެދިލައްވާފައެވެ.
މި ޕްރޮގްރާމްގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވެލައްވާނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮޕް ޓެކްނޮލޮޖީގެ ގާބިލް ބޭފުޅުން ކަމަށްވާ ޝަރީފް ހަސަން އަދި އިބްރާހިމް ޝަރީފްއެވެ.
އެކޮމިޓީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ގޭގައި ހިފާ ގެންގުޅޭ ތަކެތި ހަލާކުވުމުން އެއްލާލުމުގެ ބަދަލުގައި އަލުން ބޭނުންކުރަން ދަސްކޮށްދިނުމެވެ. އަދި މިޕްރޮގްރާމްގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ ކޮމިޓީގެ ވަރަށް ބޮޑު އެދުމެއްކަމަށް ޚަދީޖާ ފާހަގަކުރައްވާފައި ވެއެވެ.
މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެރަށުގެ ކުރީގެ އަމީރު އަމީން ސްކޫލްގައެވެ.
އެކޮމިޓީގެ ފަރާތުން ދެން އެންމެ އަވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެނުންނަށް އަމާޒުކޮށް ކަސަބު ގަތަން ދަސްކޮށްދޭ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!