ހއ. ކެލާއިން ފުރައިގެން މާލެ ދަތުރުކުރި ކެލާ ސަވާރީ ބޯޓު ރޭ މާލެ އަތޮޅު ޒިޔާރަތްފުށި ކައިރީގައި އޮތް ފަރަކަށް އަރާފައިވާއިރު، އެމްއެންޑީއެފުން އެ ބޯޓުގައި ތިބި 19 މީހަކު މިއަދު މާލެ ގެނެސްދީފިއެވެ.
ސަވާރީ ބޯޓު ފަރަށް އެރި ކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ފަތިހު 04:01 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގެ ރިޕޯޓް ލިބުމާ އެކު، ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް އެ ސަރަހައްދަށް ގޮސް އެ ބޯޓަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މި ބޯޓުގައި 28 މީހަކު ތިބިއިރު، އެ މީހުންގެ ތެރޭގައި 6 އަންހެނުންނާއި 3 ކުޑަކުދިންގެ އިތުރުން 19 ފިރިހެނުން ހިމެނެއެވެ. މީގެތެރެއިން ކޯސްޓްގާޑް މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓްގައި މާލެ ގެނެސްދީފައި ވަނީ ހަ އަންހެނުންނާއި ތިން ކުޑަކުދިނާއެކު ޖުމްލަ 19 މީހުންނެވެ.
މި މީހުން މާލެ ގެނެސްދިނީ މި މިއަދު ހެނދުނު 06:25 ހާއިރު އެވެ.
މި ބޯޓް ފުންކުރުމަށްޓަކައި ވެރިފަރާތުން ހޯދި އުޅަނދެއް އެ ސަރަހަށްދަށް ގޮސް ދަނީ ހަރަކާތްތެރިވަމުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!