ޤަވާޢިދާ ޚިލާފަށް ހދ. ކުރިނބީ ގޮނޑުދޮށުން ވެލިނެގި 2 ބިދޭސީއަކު ޖޫރިމަނާ ކޮށްފިއެވެ.

"ތިލަދުން" މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ އެރަށު ގޮނޑުދޮށުން ވެލި ނަގާފައިވަނީ ބަންގްލަދޭޝްގެ 2 ރައްޔިތުން ކަމަށެވެ.

Ad
rt

މި ދެމީހުން ގޮނޑުދޮށުން ވެލި ނަގަމުންދާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށާއި އެކަމުގެ ރިޕޯޓު ލިބުމުން ވަގުތުން ކައުންސިލުން އެސަރަހައްދަށް ގޮސްފައިވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ކައުންސިލުން އެތަނަށް ދިޔަ އިރުވެސް 10 ގޯނި ވެލި ގޮނޑުދޮށުގައި ހުއްޓެވެ. އަދި އެމީހުން ދިރިއުޅޭ ގެއަށް 3 ގޯނި ވެލި އޭރު ވަނީ ގެންގޮސްފައެވެ. އެމީހުން ދިރިއުޅޭ ގެއަށް ގެންގޮސްފައި ވެލިގޯނިތައް ކައުންސިލުން ވަނީ ގޮނޑުދޮށަށް ގެންގޮސް، އެ ގޯނިތައް ގޮނޑުދޮށަށް ހުސްކޮށްފައެވެ.

ކުރިނބީ ކައުންސިލުން ވިދާޅުވީ އެދުވަހު އެމީހުން ކައުންސިލް އިދާރާއަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށް ޖޫރިމަނާ ކުރާނެ ކަން އަންގާ ފޮނުވާލި ކަމަށެވެ. އަދި މިއަދު އެމީހުން ޖޫރިމަނާކޮށް، 3 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށް އެމީހުންނަށް ވަނީ އަންގާފައެވެ.

އެމީހުން ޖޫރިމަނާ ކޮށްފައި ވަނީ މީހަކު 3000 ރުފިޔާއިންނެވެ.

އެރަށު ކައުންސިލުން ވިދާޅުވީ ގޮނޑުދޮށުން ވެލި ނެގުމަކީ އަބަދުވެސް މަނާ ކޮށްފައިވާ ކަމެއް ކަމަށާއި ކުރިންވެސް އެރަށުގެ އެއްވެސް ފަރާތަކުން އެފަދަ އަމަލެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި ޖޫރިމަނާ އަދާ ނުކޮށްފިނަމަ އުސޫލާއި އެއްގޮތަށް އިތުރު ފިޔަވަޅުވެސް އެމީހުންނާއި މެދު އަޅާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.