ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި "ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020'' ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ކައުންސިލްގެ ތެރޭގައި ހިމެނުނު ހއ. ތުރާކުނު އަދި އުތީމު ކައުންސިލަށް ހއ. އަތޮޅު ކައުންސިލުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
އެ ރޭންކިންގައި ތުރާކުނު ހިމެނުނީ މުޅި ރާއްޖެއިން 3 ވަނައިގައެވެ. އެއާއެކު ތުރާކުނު ކައުންސިލަށް ވަނީ ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް އިން ވަނަތައް ހާސިލްކޮށްފައިވާ ރަށު ކައުންސިލަށް އެރުވޭ "ރަނަހަމާންތި ދަރަޖަ" ވެސް ލިބިފައެވެ. އެ ކައުންސިލަކީ ހއ. އަތޮޅުން 1 ވަނަ ހޯދި ކައުންސިލެވެ.
އުތީމު ކައުންސިލް ހިމެނުނީ މުޅި ރާއްޖެއިން އެންމެ ރަނގަޅު 5 ވަނަ ކައުންސިލްގެ ގޮތުގައެވެ. އުތީމު ކައުންސިލް ވަނީ ހއ. އަތޮޅުން އެންމެ ރަނގަޅު 2 ވަނަ ކައުންސިލްގެ މަގާމު ހޯދާފައެވެ.
މި ކާމިޔާބީތައް ފާހަގަ ކުރަށްވައި، ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، އެ ދެ ކައުންސިލުން ހޯދި ޝަރަފްވެރި ކާމިޔާބީ ފާހަގަކޮށް އެ ކައުންސިލްތަކުގެ ކައުންސިލަރުންނަށާއި، މުވައްޒަފުންނަށް މަރުޙަބާ ކިޔާ ކަމަށެވެ.
ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް މިންކޮށް ވަޒަން ކުރުމަށް އެލްޖީއޭއިން އެކުލަވާލާފައިވާ މިންގަނޑެކެވެ. ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް އެލްޖީއޭއިން ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕާފޯމަންސް މޮނީޓާކޮށް ރޭންކް ކުރެވެމުން ގެންދެއެވެ.
މިގޮތަށް ކައުންސިލްތައް ރޭންކް ކުރަމުން ދަނީ ކައުންސިލް ޕާފޯމަންސަށް ބަލައި އެންމެ މަތިން ޕޮއިންޓް ހޯދާ ކައުންސިލުން ފެށިގެން ތަރުތީބުވާ އުސޫލުންނެވެ. މި އިންޑެކްސްއިން ލިބޭ ނަތީޖާއަށް ބަލައި ކައުންސިލްތައް ރޭންކް ކުރުމުގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓް ކަނޑައެޅުމުގައިވެސް ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް މުހިއްމު ދައުރެއް އަދާކުރާނެކަމަށް އެލްޖީއޭއިން ބުނެފަވެއެވެ.
ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ރޭންކިންގ ކަނޑައެޅުމަށްޓަކައި، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ނަމުގައި ޚާއްސަ އިންޑެކްސްއެއް ތަޢާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!