03 އަހަރުން ދަށުގެ ކުޑަކުދިންނަށް ޙާއްޞަ ކިރުގެ ބާވަތްތަކާއި، 01 އަހަރުން ދަށުގެ ކުޑަ ކުދިންނާއި މާބަނޑު އަންހެނުންނަށާއި، ގާތުންކިރުދޭ މައިންނަށް ޙާއްޞަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅިއާއި ބުއްފުޅީގެ ތުން ވިއްކަން ބަހައްޓަންވާނީ ރަޖިސްޓްރީ ކޮށްގެން ކަމުގައި ހެލްތު މިނިސްޓީން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މިއަދު އެ މިނިސްޓްރީން އާންމު ކޮށްފައިވާ "ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވައިދު" ގަ އެވެ.

Ad
rt

ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ ގަވައިދުގެ މަޤްޞަދަކީ ޅަފަތުގެ ކުދިންނާއި މާބަނޑު އަންހެނުންނާއި ގާތުން ކިރުދޭ މައިންގެ ދުޅަހެޔޮ ޞިއްޙަތަށާއި، ރައްކާތެރި އަދި އެދެވިގެންވާ ކާނާ ލިބިގަތުމަށް މަގުފަހިކޮށްދިނުމެވެ.

ބަޔާންކުރެވިދިޔަ ފަދަ އުފެއްދުންތައް މާކެޓުގައި ވިއްކަން ބަހައްޓާނަމަ އެ ތަކެތީގެ ލޭބަލްގައި ކޮންމެހެން ހުންނަން ޖެހޭނެ ޝަރުތުތައް ވެސް އެ މިނިސްޓްރީން މި ޤަވައިދުގައި ވަނީ ހިމަނާފައެވެ. އެ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  1. އުފެއްދި ތާރީޚާއި މުއްދަތު ހަމަވާ ތާރީޚު އެނގެންއިތުން
  2. އުފެއްދި ފަރާތާއި، ބަންދުކުރި ފަރާތާއި، އެތެރެކުރި ފަރާތުގެ ނަމާއި އެޑްރެސް އެނގެން އޮތުން
  3. އެއުފެއްދުމެއްގެ މޫނުމަތީފަރާތުގައި، ހާމަކަން ބޮޑުގޮތެއްގައި، އެއުފެއްދުމެއްގެ ނަން ސާފުކޮށް ފަސޭހައިން ކިޔަން އެނގޭނެހެން ދިވެހި ނުވަތަ އިނގެރޭސި ބަހުން ލިޔެވިފައި އޮތުން
  4. ތައްޔާރުކުރާނެ ގޮތުގެ އިރުޝާދާއެކު ކާންދޭނެ ގޮތުގެ ޗާޓެއް ހިމަނާފައިވުން
  5. ކަނޑައެޅިފައިވާ ބާވަތެއްގައި ހަރުކުރެވިފައިވާ ލޭބަލެއްގައި އެއުފެއްދުމެއް ތައްޔާރުކޮށް ބޭނުންކުރާނެ ރަނގަޅުގޮތް ދެއްކުން ފިޔަވައި ބޭނުންކުރުމަށް ހިތްވަރުދޭފަދަ އެއްވެސް ބާވަތެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ހިމެނިފައި ނުވުން.
  6. އެއްވެސް ބާވަތެއްގެ އިންސާނުންގެ ސޫރައެއް ނުވަތަ ވާހަކަ ފޮތްތަކާއި ކާޓޫނުގައި ބޭނުންކުރާ ސިފައެއް ނުވަތަ ޖަނަވާރެއް އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުންފަދަ އެއްވެސް އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ނުވަތަ ތަޞްވީރެއް ހިމަނާފައިނުވުން.
  7. ބުއްފުޅި ބޭނުންކުރުމަށް ވާގިވެރިވާފަދަ ނުވަތަ ގާތުން ކިރުދިނުމާއި ދުރުކުރުވާފަދަ އެއްވެސް ލިޔުމެއް ނުވަތަ ތަސްވީރެއް ބޭނުންކޮށްފައި ނެތުން.
  8. ކަނޑައެޅިފައިވާ އުފެއްދުމަކީ މައިމީހާގެ ކިރު ނުވަތަ ގާތުން ކިރުދިނުމާއި އެއްފަދަ އެއްޗެއްކަމަށް ނުވަތަ އަޅާކިޔޭވަރުގެ އެއްޗެއްކަމަށް ނުވަތަ އެއަށްވުރެ މޮޅުއެއްޗެއްކަމަށް ދޭހަވާފަދަ އިބާރާތެއް ބޭނުންކޮށްފައި ނެތުން.

ހެލްތު މިނިސްޓްރީން އިތުރަށް ވިދާޅުވެފައި ވަނީ ރަޖިސްޓްރީ ކުރުމުގެ އުސޫލުތަކާއި މިންގަޑުތަކާއި ޚިލާފަށް މިފަދަ ތަކެތި ވިއްކަމުންދާކަން މި އޮތޯރިޓީގެ އިންސްޕެކްޝަންތަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ވުމާއިއެކު ބަޔާންކޮށްފައިވާ ކަންތައްތަކާއި ޚިލާފަށް އެ ފަދަ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި، ވިއްކުމާކީ މަނާ ކަމެއް ކަމުގައި ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.