ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް އެމްއާރުއައިގެ ޚިދުމަތް ފަށާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އޮކްޓޫބަރު 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ދުރަށް ދަތުރުނުކޮށް ލުއިފަސޭހަކޮށް ވީހާވެސް ކައިރިން ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭން 30 އެނދު އެހޮސްޕިޓަލަށް އިތުރު ކުރެވިގެންވެސް ދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަމީން އިތުރަށް ވިދާޅުވީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން އަތޮޅު ތެރޭގެ ސިއްހީ ނިޒާމު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް އަޅާނެކަމަށް މީގެ ކުރިން މިސަރުކާރުން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މުޅި ތިލަދުންމަތީގެ ރައްޔިތުން ކޮންމެ ދުވަހަކުހެން ހިދުމަތް ހޯދުމަށް އަންނަ މާލެއިން އުތުރުގައި ހުރި އެންމެ ރަނގަޅު ހޮސްޕިޓަލެވެ. މާލެފިޔަވައި ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ދޭންފެށި އެންމެ ފުރަތަމަ ހޮސްޕިޓަލަކީވެސް މިއީއެވެ. އަދި މިއީ ފަސްދޮޅަސް ފަސް ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށް ފެށި ޚިދުމަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!