ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ، ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ހދ. އަތޮޅުގެ މެޗުތައް މިއަދު ފަށާނެއެވެ.
މި މުބާރާތުގެ ހދ. އަތޮޅުގެ މެޗުތައް ފުރަތަމަ ފެށުމަށް ނިންމާފައި ވަނީ 18 ޖަނަވަރީ 2022 ގައެވެ. ނަމަވެސް މުބާރާތުގެ ފެށުން 07 ފެބްރުއަރީ 2022 އަށް ލަސްކޮށްފައި ވަނީ ހދ.އަތޮޅުގެ ގިނަ ރަށްތަކެއްގައި ކޯވިޑްގެ ހާލަތު ގޯސްވުމުންނެވެ. އޭރު މުބާރާތް ކުޅުމަށް ހަމަޖެހިފައި އޮތީ ވެސް ކުޅުދުއްފުށީގައެވެ. ކުޅުދުއްފުށީގެ ކޯވިޑްގެ ހާލަތު އަދިވެސް ރަނގަޅުވެފައި ނުވާތީ ޓެކާސްއިން މި މުބާރާތް މިހާރު ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ނޮޅިވަރަންފަރުގައެވެ.
މި މުބާރާތުގައި ހދ.އަތޮޅުން ވާދަކުރަނީ ފަސް ޓީމެކެވެ. އެ ޓީމްތަކަކީ ނޭކުރަންދޫ، ކުޅުދުއްފުއްފުށި، ހަނިމާދޫ، ކުމުންދޫގެ އިތުރުން ނޮޅިވަރަންފަރެވެ.
މި މުބާރާތް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި 17:00 ގައި ބައްދަލުކުރާނީ ނޭކުރެންދޫއާއި ނޮޅިވަރަންފަރެވެ. ދެވަނަ މެޗުގައި މިރޭ 20:30 ގައި ބައްދަލުކުރާނީ ކުޅުދުއްފުޓާއި ހަނިމާދޫއެވެ.
މި މުބާރާތުގެ ށ.އަތޮޅުގެ ބުރާއި ނ.އަތޮޅުގެ ބުރު މިހާރު ނިމިފައިވާއިރު، ށ.އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ފޯކައިދޫއެވެ. ނ.އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މާފަރެވެ. ބްލޮކް ދެއްގެ، ބްލޮކް ޗެމްޕިއަނުން ކަނޑައެޅުމަށްޓަކައި ފޯކައިދޫއާއި މާފަރު ބައްދަލުކުރި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އެ ބްލޮކްގެ ޗެމްޕިއަންކަން މާފަރު ވަނީ ހޯދާފައެވެ.
ބްލޮކް އެކެއްގައި ހިމެނެނީ ހދ އާއި ހއ އެވެ. މި ބްލޮކްގެ ޗެމްޕިއަންޓީމް ކަނޑައެޅިގެންދާނީ މި ދެ އަތޮޅުގެ، އަތޮޅު ޗެމްޕިއަނުން ކަނޑައެޅި، އެ ދެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މެޗައް ފަހުއެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ކަނޑައަޅާފައި ވަނީ 25000 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!