ހދ. ހަނިމާދޫގައި ބަނދަރުގެ މަސައްކަތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވި ގޮތަށް ކުރިއަށް ނުދާތީ، ބަނދަރުގެ މަސައްކަތް ރައީސް ވިދާޅުވިގޮތަށް ކުރިއަށް ގެންދިޔުމަށް ގޮވާލައި ހަނިމާދޫ ބަނދަރުގައި ބެނާއެއް ދަމައިފިއެވެ.

މިއަދު ހަނިމާދޫ ބަނދަރުގައި ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ " ރައީސް ވިދާޅުވި ގޮތަށް ބޭރުތޮށީގައި ރިވެޓްމެންޓް ޖަހައިދީ" މިހެންނެވެ.

Ad
rt

ހަނިމާދޫގެ ބަނދަރު އަޕްގްރޭޑް މަޝްރޫއު ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފައި ވަނީ 24 ސެޕްޓެމްބަރ 2019 ގައެވެ. ފުރަތަމަ ހަވާލުކުރި އިރު ބޭރުތޮށި ހެދުމަށް ހަމަޖެހިފައި އޮތީ ހަމައެކަނި ބޮޑު ހިލަޖަހައިގެންނެވެ.

މި މަސައްކަތް ހަވާލުކުރީއްސުރެ ހަނިމާދޫގެ ރައްޔިތުން އެދެމުން އައިސްފައި ވަނީ ހަނިމާދޫގެ ބަނދަރުގެ ބޭރުތޮއްޓަށް ދޯންޏާއި ލޯންޗްފަހަރު ގާތްކޮށް އެތަން ބޭނުން ހިފޭނެފަދަ ގޮތަކަށް ޑިޒައިން ބަދަލުކޮށް ދިނުމަށެވެ. ހާއްސަކޮށް ބޭރުތޮށީގެ އެތެރެފަޅީ ރިވެޓްމަންޓް ޖަހައި ބޭރުތޮއްޓަށް ޕިކަޕާއި ސައިކަލްފަދަ ވެހިކަލްތަކަށް އެރާ އުޅެވޭ ފެންވަރަށް އެތަން ތަރައްޤީ ކޮށްދިނުމަށެވެ.

ހަނިމާދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމަކާއި ގާތްވަމުން އަންނައިރު، އެތަން ތަރައްޤީ ކުރެވިގެންދާ ގޮތާއިމެދު ހުރި ކަންބޮޑުވުންތައް "ތިލަދުން" އާއި ހިއްސާ ކުރަމުން ހަނިމާދޫއިން ނަން ހާމަނުކުރުމަށް އެދި ވާހަކަ ދެއްކި މީހަކު ބުނެފައި ވަނީ ހަނިމާދޫ ބަނދަރުގެ ބޭރުތޮށި ރިވެޓްމަންޓް ޖަހައި ބޭނުން ހިމެނޭގޮތަށް ނޫން ގޮތަކަށް ހެދުމަށް ކައުންސިލުން ވެސް ބޭނުންނުވާކަމަށް ކައުންސިލްގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުން އައިސްފައިވާ ކަމަށެވެ. އަދި ކައުންސިލުން ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލު ގެނައުމަށް، ރައީސް އުތުރުގެ ތިން ރަށަކަށް ފާއިތުވި އަހަރު ޖުލައި މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަނިމާދޫއަށް ވަޑައިގެން ކައުންސިލާއި ބައްދަލުކުރައްވައި ކައުންސިލުން ބޭނުންވާ ގޮތަށް ބަނދަރު ތަރައްޤީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު ބަނދަރުގެ ބޭރުތޮށީގެ މަސައްކަތް ކުރަމުން އަންނައިރު އެތަނުގައި ރިވެޓްމަންޓް ނުޖަހާ ކަމަށާއި ހަމައެކަނި ފަސް މީޓަރުގެ ފުޅާ މަގެއް ލާފައި ދެފަރާތުގައި ހިލަ ޖައްސަމުން އަންނަ ކަމަށެވެ.

ހަނިމާދޫގެ ބަނދަރާއި ގުޅޭގޮތުން ތިލަދުންއާއި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ ކައުންސިލްގެ މެމްބަރު އަލީ އިބްރާހީމް ވިދާޅުވެފައި ވަނީ ހަނިމާދޫ ކައުންސިލުން ވެސް ބޭނުންވަނީ ހަނިމާދޫ ބަނދަރުގެ ބޭރުތޮށި ބޭނުން ހިފޭގޮތަށް ތަރައްޤީ ކުރުމަށް ކަމަށެވެ. ވުމާއެކު ފާއިތުވި އަހަރު ޖުލައި މަހު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހަނިމާދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސްއާއި ބައްދަލުކުރައްވައި ބަނދަރާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. ރައީސް ވިދާޅުވެފައި ވަނީ ޕްލޭނިން މިނިސްޓްރިއާއި އެމްޓީސީސީއާއި މަޝްވަރާކޮށްގެން ކައުންސިލުން ބޭނުންވާ ގޮތައް މަޝްރޫޢު ކުރިއަށް ގެންދިޔުމަށެވެ.

އަލީ އިތުރަށް ވިދާޅުވެފައި ވަނީ ބޭރުތޮށީގައި ރިވެޓްމެންޓް ޖަހައިގެން ބޭރުތޮށި ތަރައްޤީ ކުރުމަށް ޕްލޭނިން މިނިސްޓްރީއާއި އެކު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މިގޮތުން ޕްލޭނިން މިނިސްޓްރީގެ އިންޖީނިއަރުންނާއި އެމްޓީސީސީގެ އިންޖީނިއަރުން ވެސް މި ބަނދަރުގެ ބޭރޮތޮށީގައި ރިވެޓްމަންޓް ޖަހައިފިނަމަ ބަނދަރުތެރޭގައި ހުންނަ ކުދި ރާޅުތައް ފިލައިގެން ނުދާނެ ކަމަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ. އެހެން ވެއްޖެނަމަ ބަނދަރުތެރޭގައި ދޯނިތައް އަޅައި ހެދުމުގައި ދަތިތަކާއި ކުރިމަތިވާނެ ކަމަށެ އެ ފަރާތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ވުމާއެކު އިންޖީނިއަރުންގެ ލަފާގެ މަތީން ކައުންސިލުން ބަނދަރުގެ ބޭރުތޮށީ ރިވެޓްމަންޓް ނުޖަހަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ޕްލޭނިން މިނިސްޓްރީން ފާއިތުވި އަހަރު ނޮވެމްބަރު މަހު ކައުންސިލަށް ފޮނުވާފައިވާ ކުރެހުމުގައި ބޭރުތޮށްޓަށް ވެހިކަލް އެރޭގޮތަށް މަގު ހަދައި ދެ ފަރާތުގައި ހިލަ ޖައްސާގޮތަށް ބޭރުތޮށީގެ ކުރެހުން ފޮނުވާފައިވާ ކަމަށެވެ. ވުމާއެކު އެ މަސައްކަތް މިވަގުތު ކުރިޔަށް އެ ދަނީ އެ ގޮތަށް ކަމަށެވެ. އަދި މީގެ އިތުރުން ބޭރުތޮށި ނިމޭއިރު ތޮށީގެ ބޭރުފަރާތު ހިލަތަކުގެ ބޭރަށް ވޯލެއްލައި ވެލިގަނޑު ދެމިގެންނުދާ ގޮތަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަލީ އިތުރަށް ވިދާޅުވެފައި ވަނީ މިވަގުތު ކުރެހުން ނުލިބުނު ނަމަވެސް ބޭރުތޮށީގެ އެތެރެފަޅީ ދޯންޏާއި ލޯންޗުފަދަ އުޅަނދު ކައިރިކުރެވޭފަދަ ފާލަން ކޮޅުތަކެއް ނުވަތަ އެތެރެ ތޮށީގެ ދިގަށް ފާލަމެއް ގޮތައް ބައެއް ހެދުމަށް އެމްޓީސީސީއާއި މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ. އެ ކުރެހުން ލިބިފައި ނުވިނަމަވެސް އެކަން އެ ގޮތަށް ހަމަޖެހިގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމުގައި އަލީ ވަނީ ވިދާޅުވެފައެވެ.

އަލީ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ވެސް އެ ހުރީ ހަމަ ހުންނަންވާނެ ކަންބޮޑުވުން ތަކެއް ކަމަށެވެ. ސަބަބަކީ ބަނދަރެއް ޒަމާނާއި އެއްގޮތަށްތަރައްޤީ ކުރެވިގެންދާއިރު، ބޭރުތޮށި ވެސް އެދެވޭފަދަ ގޮތަކަށް ބޭނުން ހިފޭނޭހެން އޮތުމަކީ އެންމެ ފައިދާ ބޮޑު ގޮތްކަމަށެވެ.