ހެޔޮވެރިކަމަށް ޖާގަދިނުމަށް ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށްޔިތުންނަށް ވެސް ވޯޓު އަޅަންވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް އިއްޔެ ފޯކައިދޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ވާދަވެރިން ފާހަގަވާ އެއް މަރުކާއަކީ ގަޓްކަން ކަމަށެވެ.

Ad
rt

"އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވާނެ އެބޭފުޅުން ވަރަށް "ގަޓް" ވާނެއޭ، މަރޮށީގައި ހިންގި މެގަ ޕްރޮޖެކްޓަކީ ބަށިކޯޓެއް، މިއިންނަނީ މިރަށުގައި ކަމެއްއޮތްތޯ ކަނުލާ އަޑުއަހާ ބަލަން، އެކަމަކު އަދި އެއް ނުފެނޭ، ވާދަވެރިލީޑަރު ފަސް އަހަރުން އެއް ފަހަރުވެސް މިއިންރަށަކަށް ވަޑައިގެންފައެއް ނެތް" ވާހަކަ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީން ރަށްރަށަށް ދަތުރުކުރަމުން ދަނީ އެ ޕާޓީން ފައްކާކުރަމުންދާ ނިޒާމެއް ފުރިހަމަކުރުމަށް ކަމަށެވެ. އެއީ މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއެއްގޮތްވާ ގޮތުގެ މަތީން އެކުލަވާލެވިފައިވާ ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމް، ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމު އަދި ޑިމޮކްރަސީ ކަމަށް ވިދާޅުވިއެވެ.

"އެއީ ތިބޭފުޅުން ގާތަށް އައިސްގެން ތިބޭފުޅުން ބޭނުންވާކަންކަން ބޭނުންވާ ގޮތަށް ކުރުމަށް އެކުލަވާލެވޭ ވެރިކަމެއް، ވެރިކަމުގެ ނިޒާމުގައި އައިސްތިބީ، މި ނިޒާމު ބައްޓަންކުރީ ވެރިންލައްވާ ދަތުރުކުރުމަށް، ކުރިން ރައީސުން މިރަށްރަށަށް ވަޑައިގެންނަމަވެސް ތިބޭފުޅުންނާ ބައްދަލުކޮށް، ވާހަކަ ދައްކައެއް ނޫޅުއްވާނެ، މަދުން ނޫނީ ތިބޭފުޅުންނަށް ނުފެންނާނެ، އެއީ އެބޭފުޅުންގެ ފަލްސަފާގައި ވެރިން ތިބެންޖެހޭގޮތް،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިއަދު ވެސް އެދިވަޑައިގަންނަވާ އެދުމަކީ އެފަދަ ވެރިންނަށް، އެ ފަލްސަފާއަށް ނޫނެކޭ ބުނުންކަމަށެވެ.

"ފޯކައިދޫގެ ކާކުތޯ އެދެނީ ކުޑަގޮޅީގައި އޮތުމަށް، ކާކުތޯ އެދެނީ އެންގަލަށް ނެގުމަށް، ކާކުތޯ އެދެނީ ފުރަގަހަށް ބިޑި އެޅުވުމަށް، ކާކުތޯ އެދެނީ އަނދަގޮނޑި ޖެހުމަށް، އަޅުގަނޑު ފަށްފަށުން އެދެނީ ފަހަތަށް ވަޑައިނުގަންނަވައްޗޭ، ކުރިއަށް ވަޑައިގަންނަވާށޭ، އެންމެންގެ ވޯޓު ތިލަފަތަށްއަޅާށޭ، ހޮނިހިރު ދުވަހު ރާޝިދަށް ވޯޓުއަޅާ މިއިންތިޚާބު ކާމިޔާބުރާށޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.