މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހިންގާ “ހުނަވަރު” ޕްރޮގްރާމްގެ އޯޕަންޑޭ މާދަމާ ކުޅުދުއްފުށީ ސޓީގައި ބާއްވަން ނިންމައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި އޯޕަންޑޭ އޮންނާނީ މާދަމާ މެމްދުރު 2:00ން ހަވީރު 6:00އަށް ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގައެވެ. މި އޯޕަންޑޭގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް ކައުންސިލުން އެދެއެވެ.
ހުނަވަރު ޕްރޮގްރާމުގެ ދަށުން އެމްޓީސީސީން ވަނީ 140 އަށްވުރެ ގިނަ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެކި ވަޒީފާތަކަށް ހޯދުމަށް އެމްޓީސީސީން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރާނެއެވެ.
މި ޕްރޮގްރާމް ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ހުނަވަރު ލައިސެންސިން ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ. ޕްރޮގްރާމް ކުރިއަށްދާނީ ތިން މަހުގެ މުއްދަތަކަށެވެ.
އެމްޓީސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ ކުންފުނީގައި ވަޒީފާ އެބަހުރި ކަމަށާއި މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ފުރިހަމަކުރުމުން އެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި ވަޒީފާ ނެތް ކަމަށް ބުނާ ވަރަށް ގިނަ ކުދިން ރަށްރަށުގައި ތިބި އިރު، ހުނަވަރު ޕްރޮގްރާމަކީ އެ ކުދިންނަށް ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ތަމްރީނުގެ ފުރުސަތު ހުޅުވައިލި ދާއިރާތައް
- ބަސް ޑްރައިވަރު: 50 ފުރުސަތު
- އެކްސްކެވޭޓަރު އޮޕަރޭޓަރު: 20 ފުރުސަތު
- ކްރޭން އޮޕަރޭޓަރު: ފަސް ފުރުސަތު
- ލޯޑާ އޮަޕަރޭޓަރު: 10 ފުރުސަތު
- ސައިޓް ސުޕަވައިޒަރު: 15 ފުރުސަތު
- ވެލްޑަރު: 20 ފުރުސަތު
- މެރިން މެކޭނިކް: 10 ފުރުސަތު
- ޓަގް މެކޭނިކް: 5 ފުރުސަތު
- ޓިންކާ: 5 ފުރުސަތު
“ހުނަވަރު” ޕްރޮގްރާމްގެ ދަށުން ތަމްރީން ހާސިލްކުރާ މީހުންގެ ތަމްރީނުްގެ މުއްދަތުގައި ކޮންމެ މަހަކު 5،000ރ. ގެ އުޖޫރައެއް ލިބޭނެއެވެ. އަދި ވޯކް ސައިޓުގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ނަމަ ހުރުމާއި ކެއުން ހަމަޖައްސައިދޭނެއެވެ.
މި ޕްރޮގްރާމް ނިންމާ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭ އިރު، ހުރިހާ ވަޒީފާތަކަށްވެސް 10،000ރ. އާއި 25،000ރ. އާ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވާން ބޭނުންވާ މީހުންނަށް info@mtcc.com.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!