މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފި އެވެ.

މިގޮތުން ދެ ރައީސުން މިއަދު ފުރަތަމަ ވަޑައިގެންފަނީ ކޮމަންޑޫ ދާއިރާގެ ކޮމަންޑޫއަށެވެ. ދެ ރައީސުންނަށް އެރަށުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، އެ ދާއިރާގެ ފޯކައިދޫ ވެސް ވަނީ ދެ ރައީސުންނަށް މަރުޙަބާ ކިޔުމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.

Ad
rt

ދެ ރައީސުން ކޮމަންޑޫއަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމަށް ކެންޑިޑޭޓް ރާޝިދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމާއި، އެމްޑީޕީގެ ނައިބު ރައީސް، ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޝިފާޒް (ޝިއްޕެ)ގެ އިތުރުން އެމްޑީޕީ ލީޑަރުޝިޕްގެ ގިނަ ބަޔަކު ވަނީ ނުކުމެފައެވެ.

ކެންޑިޑޭޓު ރާޝިދަށް ތާއީދު ހޯދައިދިނުމުގެ ގިނަ މަސައްކަތްތަކަށް އެމްޑީޕީން ދަނީ ކުރަމުންނެވެ. އެ މަސައްކަތުގައި ޖޭޕީގެ ލީޑަރު ހިމެނޭހެން އެ ޕާޓީގެ ޓީމެއް ވެސް އެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނައިރު، އަދާލަތު ޕާޓީން ވެސް ދަނީ ރާޝިދަށް ތާއީދުކޮށް މަސައްކަތް ކުރަމުންނެވެ.

ރާޝިދަކީ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުކަމާއި، މުޅި ސަރުކާރު އޭނާގެ ފަހަތުގައި އޮތުމުން ދާއިރާގެ ރަށްޔިތުން އެދޭ ތަރައްގީ ގެނެސްދެވޭނީ އޭނާއަށް ކަމަށް އޭނާގެ ސަޕޯޓަރުން ގެންދަނީ ބުނަމުންނެވެ.

ންޑިޑޭޓް ނަމްބަރު 1 ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސެވެ. އޭނާ ނިސްބަތް ވަނީ ވެސް ފޯކައިދޫއަށެވެ. ކޮމަންޑޫ ދާއިރާގައި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް އެއްވާމެއްގައި ނިންމުމަށް ރާޝިދު އިންތިޚާބު ކުރަންޖެހޭ ކަމަށް ވެސް އޭނާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

މި ދާއިރާގެ ބައި-އިލެކްޝަންގެ އިންތިޚާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.