ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ހިންގަނީ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ކަމަށާއި، އެ މަސައްކަތާއި ގުޅުވައިގެން ފަތުރަނީ ސައްހަނޫން މައުލޫމާތެއް ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެފިއެވެ.
މަތިކޮމަންޑޫ ބިންހިއްކުމާއި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން އެ ކައުންސިލްގެ 4 މެންބަރުން ސޮއިކޮށް މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މަތިކޮމަންޑޫ ބިންހިއްކުމާއި، ކޮމަންޑޫ އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ކޮމަންޑޫ ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާއަށް ބޭނުންވެފައިވާ މަޝްރޫޢުއެއް ކަަމަށެވެ.
ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވައުދުފުޅާ އެއްގޮތަށް މިމަޝްރޫޢު ހިންގުމުން ކޮމަންޑޫގެ 700 އަށް ވުރެ ގިނަ އާއިލާ، 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ތަހައްމަލްކުރި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެ ކައުންސިލުން ބުނެފަވެއެވެ. އަދި އެ މަޝްރޫއަކީ މީ ކުރިން ތަޖުރިބާކުރި އިޖުތިމާޢީ ގިނަ މައްސަލަތަކަށް ހައްލުލިބި އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދޭނެ މަޝްރޫޢުއެއް ކަމަށް ވެސް ބުނެފަވެއެވެ.
"ބިން ހިއްކުންފަދަ މަސްރޫޢުތައް ތަންފީޒްކުރުމުގައި ދައުލަތުގެ އިދާރާތަކުން ފުރިހަމަ ކުރައްވަންޖެހޭ އެންމެހާ ކަންކަން ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ހިންގަވާފައިވާކަން އީޕީއޭ އިން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މިޕްރޮޖެކްޓާއި ގުޅޭގޮތުން ރ. އަތޮޅު ކައުންސިލްގެ ރައީސް މިހާރު ނޫހަށް މައުލޫމާތު ދެއްވާފައިވަނީ މައްސަލައާއި ގުޅުންހުރި ޞައްހަ މައުލޫމާތުތަކަށް ރިޢާޔަތްނުކޮށް ކަމުގައި ފާހަގަކުރަމެވެ. އެމަނިކުފާނުގެ އެއަމަލު ކަންބޮޑުވުމާއި އެކު ކޮމަންޑޫ ރައްޔިތުން ކުށްވެރިކުރާކަމުގައި ދަންނަވަމެވެ." އެ ބަޔާނުގައި ބުނެފަވެއެވެ.
ރައްޔިތުންގެ ދިރިއުޅުމާއި ގުޅުންހުރި މިބާވަތުގެ މަޝްރޫޢުތައް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ކުރިއަށް ގެންދެވުމަށް އެއްބާރުލުންދިނުމަށް އެދޭކަމަށް ވެސް އެބަޔާނުގައި ބުނެފަވެއެވެ.
ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫޢު ހިންގަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ކުންފުނިން ވަނީ ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭ އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައެވެ. އަދި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭއިން ދީފައިވާކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތުގެ ދަށުން 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކުމާއި، 1250 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ލައި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި ގާއިމުކުރާނެއެވެ. މީގެ އިތުރުން 200 މީޓަރުގެ ދިގުމިނުގެ ލިންކު ރޯޑަކުން ކޮމަންޑޫއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލުމާއި އެ މަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ވެސް ތައްޔާރުކުރުން ހިމެނެއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ ދެ އަހަރު ތެރޭ ނިންމާ ގޮތަށް 250 މިލިއަން ރުފިޔާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!