ށ. ފުނަދޫ ކައުންސިލުން ބަލަހައްޓަމުންދާ އެރަށުގެ ޒުވާނުންގެ މަރުކަޒު، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ހަވާލު ކުރުމާއިމެދު އެމިނިސްޓްރީއާއި އިތުރަށް ވާހަކަދެއްކުމަށް ފުނަދޫ ކައުންސިލުން ނިންމައިފިއެވެ.

އެކައުންސިލުން މިގޮތަށް ނިންމާފައި ވަނީ އެ މަރުކަޒު ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް އެމިނިސްޓްރީއިން އެންގުމާއި ގުޅިގެން އެކަމާއިމެދު މަޝްވަރާ ކުރުމަށް މިމަހުގެ 30 ވަނަ ދުވަހު ބޭއްވި އެކައުންސިލްގެ 04 ވަނަ ދައުރުގެ 04 ވަނަ ކުއްލިޖަލްސާގައެވެ.

Ad
rt

ފުނަދޫ ކައުންސިލުން މިގޮތަށް ނިންމާފައި މިވަނީ އެކައުންސިލްގެ 3 މެމްބަރުންގެ ތާއިދާއި އެކުގައެވެ. އެ މެމްބަރުންނަކީ ފުނަދޫ ކައުންސިލްގެ ރައީސް އަޙުމަދު އިބްރާހިމްފުޅާއި މެމްބަރ ސުވައިދާ ހުސައިންގެ އިތުރުން މެމްބަރ ޛުލްފާ ޙާމިދުއެވެ. އެކައުންސިލް މެންބަރު އަދި ނައިބު ރައީސް އަލީ ޚާލިދު ޗުއްޓީގައި ހުންނެވުމުން މި ޖަލްސާގައި ބައިވެރިވެފައިނުވާއިރު، ކައުންސިލް މެންބަރު ޙުސައިން ޢަރީފް ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

މި މައްސަލާގައި ފުނަދޫ ކައުންސިލުން ނިންމި ނިންމުމުގައި ބުނެފައި ވަނީ، އެރަށު ޒުވާނުންގެ މަރުކަޒު ހިންގުމަށް ޔޫތު މިނިސްޓްރީއާއިއެކު ވެފައިވާ އެއްބަސްވުމާއި އެކައުންސިލުން ޚިލާފުވެފައިވާ ކަމަށް އެމިނިސްޓްރީން ވިދާޅުވެފައިވާ ވިދާޅުވުން އެ ކައުންސިލަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެމައްސަލައަކީ ޤާނޫނީގޮތުން ޚިޔާލު ތަފާތުވުން ހުރިމައްސަލައަކަށްވެފައި، ޔޫތު މިނިސްޓްރީން އަންގަވާފައިވާ މުއްދަތުގެ ތެރޭގައި އެސެންޓަރ ޔޫތު މިނިސްޓްރީއާއި ހަވާލު ކުރުމަކީ ދަތިކަމެއް ކަމަށް އެކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދުމަށް ޔޫތު މިނިސްޓްރީއާއި އިތުރަށް ވާހަކަ ދެއްކުމަށް ބޭނުންވާ ކަން ހާމަކޮށް އެކައުންސިލުން ވަނީ އެމިނިސްޓްރީއަށް އެކަން ލިޔުމަކުން ހުށައެޅުމަށް ފާސްކޮށްފައެވެ.

ޔޫތު މިނިސްޓްރީގެ ދަށަށް ފުނަދޫ ޒުވާނުންގެ މަރުކަޒު ބަދަލުކުރިކަން އަންގައި، އެ މަރުކަޒުގެ އިންވެންޓްރީ ލިސްޓާއި ތަޅުދަނޑި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޔޫތު އެސޯސިއޭޓް ޙަސަން ޒަރީރުއާއި ހަވާލުކުރުމަށް ޔޫތު މިނިސްޓްރީން ފުނަދޫ ކައުންސިލަށް އެންގީ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.