ފުނަދޫގެ ތަރައްޤީއަށް ކޮންމެ ބަޔަކު ކޮންމެ މަސައްކަތެއް ކުރި ނަމަވެސް، އެ މަސައްކަތެއް ކުރާފަރާތަކަށް އެކައުންސިލުން އެންމެ މަތީދަރަޖައިގެ އެހީތެރިކަމާއި އެއްބާރުލުން ފުނަދޫ ކައުންސިލުން ދެމުންދާނެ ކަމަށާއި، އެކައުންސިލާއި ގުޅުވައިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޚްލޫފް ހެއްދެވީ އިތުރުފުޅެއްކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަޚްލޫފް ށ. ފުނަދޫއަށް ޒިޔާރަތް ކުރެއްވުމަށްފަހު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރުގެ އެ ދަތުރަކީ ފުނަދޫގައި ކުރިއަށްދާ މިނިސްޓްރީގެ މަސައްކަތްތައް ބަލާލާ ހައްލުހޯދުމަށް ކުރެއްވި ދަތުރެއްކަމަށެވެ. އެ ދަތުރުގެ ބައެއް ފޮޓޯތައް ވެސް ހިމަނުއްވާފައިވަ އެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ، "ސިޔާސީ ފިކުރު ތަފާތުވިޔަސް ރަށު ކައުންސިލްގެ އެއްބާރުލުން ނުލިބޭކަމަށްވާނަމަ މަސައްކަތްތައް ހުއްޓި ލަސްވާނެ، އެއީ ބޮޑު ކަންބޮޑުވުމެއް" ކަމަށެވެ.
މަޚްލޫފްގެ މިހެން ވިދާޅުވުމާއިގުޅިގެން ފުނަދޫ ކައުންސިލުން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ކައުންސިލްގެ 4 މެންބަރަކު ސޮއިކޮށްފައިވާ އެ ބަޔާނުގައި ވިދާޅުވެފައި، އެ ރަށް މޮނިޓަރިންގެ ޙާލަތުގައި އޮއްވައި، އަދި އެ ކައުންސިލަށް އެއްވެސް ގޮތަކުން އަންގަވައިލެއްވުމެއް ނެތި މިނިސްޓަރު މަޚްލޫފް އެރަށަށް ވަޑައިގަތުމަށްފަހު ފުރައިވަޑައިގަންނަވަމުން، އެ ރަށުގެ ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދި، ޒުވާނުންގެ މެދުގައި
ނުތަނަވަސްކަން އުފެދޭ ފަދަ ޢިބާރާތްތަކަކުން ދޮގު ވާހަކަތަކެއް ޓްވީޓް ކުރައްވައި، އެ ކައުންސިލް ބަދުނާމު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާފައިވާ ކަމަށެވެ.
"ފުނަދޫގެ ތަރައްޤީއަށް ކޮންމެ ބަޔަކު ކޮންމެ މަސައްކަތެއް ކުރި ނަމަވެސް، އެ މަސައްކަތެއް ކުރާ ފަރާތަކަށް މި ކައުންސިލުން ދަނީ އެންމެ މަތީދަރަޖައިގެ އެހީތެރިކަމާއި އެއްބާރުލުން ދެމުންނެވެ. މި ކައުންސިލުން ދެކޭ ގޮތުގައި އެއީ ވަކި ޕާޓީއެއްގެ ވަކި ސަރުކާރެއް އޮތަތީވެ ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ފުނަދޫގެ ރައްޔިތުންނަށްޓަކައި ކައުންސިލުން އަބަދުވެސް އަދާކުރަންޖެހޭ ޤާނޫނީ ވާޖިބެކެވެ." އެ ކައުންސިލުން ވިދާޅުވެފަވެއެވެ.
ފުނަދޫ ކައުންސިލުން އެ ބަޔާނުގައި ވަނީ މިނިސްޓަރު މަޚްލޫފްގެ މިނިސްޓްރީގެ ދާއިރާއިން ފުނަދޫގައި ކުރަމުންދާ ބައެއް މަސައްކަތްތައް ވެސް ހިމަނާފައެވެ. މިގޮތުން ފުރަތަމަ ކަމެއްގެ ގޮތުން އެރަށުގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ވަނީ ފާހަގަ ކުރަށްވާފައެވެ. އެ މަސައްކަތް ފެށިތާ 3 އަހަރު ފާއިތުވެގެން ދާއިރު އަދިވެސް ވަނީ ނުނިމިކަމަށާއި، ނުނިމި ލަސްވަނީ އެކައުންސިލުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރެވި އޮވެގެނެއް ނޫންކަމަށް ވިދާޅުވެފަވެއެވެ. އަދި އެ ތަނަށް އަޅަން ބޭނުންވާ ވެލި ހޯއްދަވަން ދަތިފުޅުވާކަން އެނގުމުން ވެސް، އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިމަކުން، އެ ތަނަށް ބޭނުންވާ ހުރިހައި ވެއްޔެއް، ފުނަދޫ
ރައްޔިތުންގެ ނަމުގައި ހަދިޔާކޮށްފައި ވާނެކަމަށް ވެސް ފުނަދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.
ށ. ފުނަދޫގައި ކުރިއަށްދާ މިނިސްޓްރީގެ މަސައްކަތްތައް ބަލާލާ ހައްލުހޯދުމަށްކުރި ދަތުރުގެތެރެއިން.
ސިޔާސީ ފިކުރު ތަފާތުވިޔަސް ރަށު ކައުންސިލްގެ އެއްބާރުލުން ނުލިބޭކަމަށްވާނަމަ މަސައްކަތްތައް ހުއްޓި ލަސްވާނެ، މިއީ ބޮޑު ކަންބޮޑުވުމެއް. pic.twitter.com/2SGiEdtWAP
— Ahmed Mahloof (@AhmedMahloof) January 25, 2022
"ޔޫތު މިނިސްޓްރީން ކުރަން ހަމަޖެހިފައިވާ ދެވަނަ ކަމަކީ ވޮލީ ކޯޓެއް އެޅުމެވެ. އެ މަސައްކަތް، ވަކި ފަރާތަކާ ހަވާލުކުރެއްވި ކަމެއް އަދި އަންގަވާފައެއް ނުވެއެވެ. އެ ކަމުގައި ވެސް، މިނިސްޓްރީން ނުވަތަ ކޮންޓްރެކްޓަރގެ ފަރާތުން އެދިވަޑައިގަތް ކޮންމެ ކަމެއްގައި މި ކައުންސިލުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް މިހާރުއްސުރެ މި ތިބެނީ ތައްޔާރު ވެގެންނެވެ." އެ ކައުންސިލުން ވިދާޅުވެފަވެއެވެ.
ކަމުގެ ހަގީގަތަކީ އެއީކަމަށާއި، އެހެން އެކަން އޮށްވައި މިނިސްޓަރު މަޚްލޫފް "ކަނޑައެޅިގެން އިތުރުފުޅު ހައްދަވައި، ފުނަދޫގެ ރައްޔިތުންނަށާއި ޒުވާނުންނަށް ޙަޤީޤަތް އޮޅުވައިލައްވަން މަސައްކަތްޕުޅު ކުރެއްވީތީ ހިތާމަ" ކުރާކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވެފައިވެއެވެ. އަދި އެ ކައުންސިލުން ސިފަކުރާ ގޮތުގައި މިނިސްޓަރު ގެ މި ޢަމަލަކީ، އެ މަޤާމުގެ ހައިބަތާއި ކަރާމާތަށް އުނިކަން ލިބޭފަދަ ދަށު ފަންތީގެ
ޢަމަލެއް ކަމަށް ވެސް އެކައުންސިލުން ވިދާޅުވެފަވެއެވެ.
ވަޒީރުކަމުގައި ހުންނަވާއިރު، އެ މަޤާމުގެ ޙައްޤުގައި ފުނަދޫ ރައްޔިތުންގެ ފަރާތުން ވަޒީރަށް ކުރަން ބޭނުންވާ އިޙްތިރާމާއި ޤަދަރު އެރުވޭފަދަ ގޮތެއްގެމަތިން ޢަމަލުފުޅުތައް ބެހެއްޓެވުމަށާއި، ފުނަދޫ ރައްޔިތުންނަށް ޤާނޫން އަސާސީން ޢިނާޔަތްތެރި ކޮށްދީފައިވާ ޑިމޮކްރެޓިކް ޙައްޤުތަކާ އެއްގޮތަށް ފުނަދޫ ރައްޔިތުން ނިންމައިފައިވާ ނިންމުމަށް އިޙްތިރާމް ކުރައްވައި، އެ ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތުން އިންތިޚާބު ކޮށްފައިވާ އެ ކައުންސިލާ ގުޅިގެން، މިނިސްޓަރާއި ހަވާލުވެފައިވާ މިނިސްޓްރީގެ ދާއިރާއާ ގުޅޭ ކަންތައްތައް ފުނަދޫގައި ތަންފީޒު ކުރެއްވުމަށް މަސައްކަތްކުރެއްވުމަށް ފުނަދޫ ކައުންސިލްގެ ނޫސްބަޔާނުގައި މިނިސްޓަރު މަޚްލޫފަށް އިލްތިމާސްކުރަށްވާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!