ކުޅުދުއްފުށީ ސިޓީގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ރަށު ކޯވިޑް ޓާސްކް ފޯސްއިން ނިންމައިފިއެވެ.
ކޯވިޑް ކޭސްތައް އިތުރު ވުމާއި ގުޅިގެން އެޗްޕީއޭއިން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ 22 ޖަނަވަރީ 2022 ވަނަ ދުވަހުއެވެ. މިވަގުތު ވެސް އެ ރަށް މޮނީޓަރިންގައި އޮތްއިރު އިއްޔެ (25 ޖަނަވަރީ 2022) އެކަނި ވެސް އެ ރަށުން މި ބައްޔަށް 49 ފަރާތެއް ވަނީ ޕޮޒިޓިވެ، ޖުމްލަ މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 209 އަށް އަރާފައެވެ.
ކުޅުދުއްފުށީ ކޯވިޑް ޓާސްކް ފޯސްއިން 25 ޖަނަވަރީ 2022 ވީ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓްތައް ކުރިން ކަރަންޓީންކޮށް މޮނީޓަރ ކުރުން ހުއްޓާލުން ހިމެނެއެވެ. އަދި ޕޮޒިޓިވްވާ މީހާ ދިރިއުޅޭ ގޭ އެއްކޮށް ކަރަންޓީން ކުރުމުގެ ބަދަލުގައި ޕޮޒިޓިވްވީ މީހާ އެކަނި އެ ގޭގެ ކޮޓަރިއެއްގައި ކަރަންޓީން ފުރިހަމަ ކުރުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ.
ޕޮޒިޓިވްވާ މީހާއަށް އަށް ޕަބްލިކް ހެލްތުން އެންގި ނަމަވެސް، އަލަށް އަމަލުކުރަން ނިންމާފައިވާ އުސޫލުގެ ދަށުން ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެ ފަރާތުން ނުގުޅާނެއެވެ.
ގެނެވުނު ބަދަލުތަކުގެ ތެރޭގައި ކަރަންޓީންގައިވާ ގެތަށް އަންގައި ދިނުމުގެ ގޮތުން ކައުންސިލުން ކަރަންޓީންގައި ހުންނަ ގޭގޭގެ ދޮރުގައި ހަރުކުރަމުންއައި ލިޔުން ހަރުކުރުން ހުއްޓާލުމާއި، ޑައިރެކްޓް ކޮންޓެކްޓްސްގެ މަޢުލޫމާތު ޕަބްލިކް ހެލްތައް އެންގުމާއި، ޑައިރެކްޓް ކޮންޓެކްޓާރސް ހޮސްޕިޓަލަށް ގޮސް ކޯވިޑަށް ޓެސްޓް ކުރުމަކީ އެ މީހެންގެ ޒިންމާއެކެވެ.
ބަލިން ރައްކާތެރި ވުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ކޯވިޑް ޓާސްކް ފޯސްއިން ރައްޔިތުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!