ކޯވިޑް-19 ކޭސްތައް ގިނަވެ، ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ހއ. ބާރަށު ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ.
ބާރަށު ސިއްހީ މަރުކަޒުން ފާހަގަކުރަށްވާފައިވާ ގޮތުގައި އެރަށުގައި މި ވަގުތު ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 20 އަށް އަރާފައެވެ.
ޕޮޒިޓިވްވެފައި ވަނީ ހުމާއި ރޯގާގެ އަލާމާތްތައް ފެނިގެންނާއި މާލެއަށް ދަތުރުކުރުމަށްފަހު އަދި ކުރިން ޕޮޒިޓިވްވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ފަރާތްތަކެއްކަމަށް އެ މަރުކަޒުން ވަނީ ފާހަގަ ކުރަށްވާފައެވެ.
އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުން ސާޖިކަލް މާސްކު އަޅައިގެން އުޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ބައްދަލު ވާ މީހުންގެ އަދަދު މަދު ކުރުމަށް އެ މަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ.
"ކޭސްތައް ގިނަވެ، ހާލަތު އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރަން. އަދި ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހި، އާންމު ދިރިއުޅުމުގެ ކަންތައްތަކަށް ބުރޫ އަރާ ހިސާބަށް ދިޔަ ނުދިނުމަށްޓަކައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިންނާއި، ކަމުގެ މާހިރުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ދަންނަވަން" ބާރަށު ސިއްހީ މަރުކަޒުން ވިދާޅުވެފަވެއެވެ.
ބާރަށް ވަނީ މީގެކުރީން ކޯވިޑްގެ ސަބަބުން އަރާފޭބުން ހާލަތަށް ގެނެސް، ގިނަ ދުވަސްތަކަކު އެހާލަތުގައި އޮންނަންޖެހިފައެވެ.
ރާއްޖެ ކޯވިޑްގެ އާ ރާޅެއްގެ ދަށުގައި އޮތްއިރު ބޮޑު ތިލަދުންމަތީގެ ގިނަ ރަށްތަކަކުން ދަނީ އިތުރު ކޭސްތައް ފެންނަމުންނެވެ. ބޮޑުތިލަދުން މަތީގެ ތިން އަތޮޅުގެ ވެރިރަށްތައް ވެސް އޮތީ ކޯވިޑްގެ ސަބަބުން އަރާ ފޭބުން މަނާ ހާލަތަށް ގެނެސްފައެވެ. މިގޮތުން މި މަހުގެ 14 ވަނަ ދުވަހު ށ. ވެރިރަށް ފުނަދޫ ބަންދުކޮށްފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހު ވަނީ ހއ. ވެރިރަށް ދިއްދޫ ބަންދުކޮށްފައެވެ. އަދި ހދ. ވެރިރަށް ކުޅުދުއްފުށީ ސިޓީ ބަންދުކުރީ މިއަދުއެވެ.
މީގެއިތުރުން ހދ. ހަނިމާދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ އަދި ހއ. އިހަވަންދޫ އޮތީ އަރާ ފޭބުން މަނާ ހާލަތަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!