ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ތަކެއުޗި މިދޮރި އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއަށް މިއަދު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށް ދިޔަ އެކަމަނާ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ޖަޕާނުގެ އައު ސަފީރާ ރައިސް ޞާލިޙް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، ސަފީރުކަމުގެ ދައުރު ހަމަކުރައްވައި ރާއްޖެއިން ވަޑައިގެންނެވި ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްތަކަށް ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި އައު ސަފީރުގެ ދައުރުގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

Ad
rt

މީގެއިތުރުން އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ފާހަގަކުރަށްވައި، ކޯވިޑް-19 ޕެންޑަމިކްގެ ތެރޭގައި ޖަޕާނު ސަރުކާރުން އެމެޖެންސީ ލޯނުގެ ގޮތުގައި ދިން އެހީތެރިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ ކޯވިޑް-19 ޕެންޑަމިކުން އަރައިގަތުމަށް މަސައްކަތްކުރުމަށް ޖަޕާނުން ރާއްޖެއަށް ދިން އެންމެ ބޮޑު ކޮންސެޝަން ލޯނުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވެސް މާލޭގެ ކަނޑުތޮށި މަރާމާތުކުރުމާއި، ޑިޖިޓަލް ޓެރެސްޓިއަލް ޓެލެވިޒަން ޕްރޮޖެކްޓާއި އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށާއި ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާ އަދި ކޮމިއުނިޓީ ޑިވެލޮޕްމަންޓަށް ޖަޕާނުން ރާއްޖެއަށް ދެމުން އަންނަ އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ޖަޕަނީޒް ޑިވެލޮޕްމަންޓް ސްކޯލަރޝިޕް ޕްރޮގްރާމްގެ ދަށުން ރާއްޖޭއަށް ލިބޭ ސްކޯލަރޝިޕް ފުރުޞަތުތަކުގެ ސަބަބުން ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރު ތަކެއުޗި މިދޮރިގެ ވާހަކަފުޅުގައި ވަނީ، މި އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އިތުރު ކަންކަމުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ތިމާވެށީގެ ދާއިރާއާއި ކާރިސާތަކުން ރައްކާތެރިވުމުގެ ދާއިރާއާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާއި ހިންގުމުގެ ދާއިރާފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1967 ވަނަ އަހަރުގައެވެ. ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެކެވެ.