ފާއިތުވެދިޔަ 2021 ވަނަ އަހަރު ހަނިމާދޫ ކައުންސިލަށް ކުނި ފީގެ ގޮތުގައި 694666.00 (ހަލައްކަ ނުވަދިހަ ހަތަރުހާސް ހަސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ލިބިފައިވާކަން އެ ކައުންސިލުން ހާމަކޮށްފިއެވެ.
ހަނިމާދޫގައި ތިންސަތޭކައަށްވުރެ ގިނަ ގޭބިސީގައި މީހުން ދިރިއުޅެމުން އަންނައިރު، ފާއިތުވީ އަހަރުގައި މީހުން ދިރިއުޅޭ ގޭބިސީތަކުން ހަނިމާދޫ ކައުންސިލަށް ކުނި ފީގެ ގޮތުގައި 558466.00 (ފަސްލައްކަ ފަންސާސް އަށް ހާސް ހަތަރުސަތޭކަ ފަސްދޮޅަސް ހައެއް) ރުފިޔާ ލިބިފައިވެއެވެ. އާންމު ގޭބިސީތަކުން ކުނި ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 150 ރުފިޔާއެވެ.
އާންމުން ދިރިއުޅޭ ގޭބިސީތަކާއި ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ހަނިމާދޫ ކައުންސިލުން ކުނި އުކައި ދިނުމުގެ ޚިދުމަތް ދެމުން އަންނައިރު، އެކި ތަންތަނަށް މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ތަފާތު އަގުތަކުގައެވެ.
މިގޮތުން ހަނިމާދޫގައި ހިންގަމުން އަންނަ ސިޓީ ހޮޓާކަމުގައިވާ ބެއާފޫޓް އެކޯ ހޮޓަލަށް އެ ކައުންސިލުން ކުނި އުކައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މަހަކު 10000 (ދިހަހާސް) ރުފިޔާއަށެވެ. ވުމާއެކު މި ބަޖެޓަށް ބެއާފޫޓުން އަހަރެއްގެ މައްޗަށް 120000 (އެއްލައްކަ ވިހިހާސް) ރުފިޔާ އަންނަނީ ލިބެމުންނެވެ.
ހަނިމާދޫ ކައުންސިލުން އެ ރަށުގައި އުފެދޭ ކުނި ނަގައި ކުނިކޮށްޓަށް ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލު ކޮށްގެންނެވެ.
ހަނިމާދޫ ކައުންސިލުން އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ ޤަވައިދު ތަކާއި އުސޫލުތައް އެކުލަވާލައި އެ ރަށުގެ ގޭބިސީތަކާއި މުއައްސަސާތަކާއި ވިޔަފާރިތަކުގައި އުފެދޭ ކުނި ނަގައި ކުނިކޮށްޓަށް ޖަމާކޮށް އެ ނައްތާލުމުގެ ޚިދުމަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭ އޭރު އޮތް ކައުންސިލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!