‏ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސްގެ ކެނޑިޑެންސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.

ހަންނާނަކީ މި އިންތިޚާބުގައި ވާދަކުރުމަށް އީސީއަށް ފުރަތަމަ ފޯމް ހުށަހެޅި ފަރާތެވެ.

Ad
rt

އޭނާއަށް އެމްއެންޕީގެ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކޮމަންޑޫއަށް އުފަން، މިހާރު ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރައްވަމުން އަންނަ ހައްނާނަކީ

ތައުލީމީ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީީ މުދައްރިސެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވުމަށްފަހު، އޭގެ ފަހުން ސުޕަވައިޒަރ ކަމާއި ހެޑް މާސްޓަރ ކަމުގެ އިތުރުން ޕްރިންސިޕަލްކަން ވެސް ކުރަށްވާފައެވެ.

ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވައިފައެވެ. އަދި ހދ. ހަނިމާދޫ ސުކޫލާއި ރ. އިނގުރައިދޫ ސޫކޫލާއި ނ. މާފަރު ސުކޫލާއި ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު މި މަހުގެ 13 ވީ ހޯމަދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއިން ވަނީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް މުހައްމަދު ރާޝިދަށް ޓިކެޓް ދީފައެވެ. ރާޝިދަކީ ފޯކައިދޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

ޕީޕީއެމުން ޓިކެޓް ދީފައި ވަނީ ރައީސް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމް ފުރުއްވި، ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމަށެވެ. ފަތުހީ އަކީ ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅެކެވެ.

މީގެއިތުރުން އެމްޓީޑީން ވެސް ވަނީ އެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ކުރިމަތިލުމަށް މިހާރު ފުރުޞަޠު ހުޅުވާލާފައެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އީސީން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ރައްޔިތުންގެ ބައި-އިލެކްޝަން ބާއްވަން އީސީއިން ނިންމާފައި ވަނީ، 2022 ފެބުރުވަރީ 05 ވާ ހޮނިހިރު ދުވަހު އެވެ.