ހދ. ކުމުންދޫ ސްކޫލްގެ 12 ކްލާސްރޫމްގެ އައު އިމާރަތް އެޅުމަށް، އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބަޔަކާއި ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިމަސައްކަތް ހަވާލުކޮށްފައިވަނީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑް އާއެވެ. އެމިނިސްޓްރިގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެކުންފުންޔާއި އެކު މިމަސައްކަތް ހަވާލުކުރިކަމުގެ އެއްބަސްވުމެއްގައިވަނީ ސޮއިކޮށްފަ އެވެ.

Ad
rt

އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި މަސައްކަތާއި އެ ކުންފުނިން ހަވާލުވެފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަކަށެވެ. މި މަސައްކަތް އެކުންފުންޔާއި ހަވާލުކޮށްފައިވަނީ 12,616,224.72 (ބާރަ މިލިއަން ހަލައްކަ ސޯޅަހާސް ދުއިސައްތަ ސައުވީސް ރުފިޔާ ހަތްދިހަ ދެ ލާރި) އަށެވެ.

މި އެއްބަސްވުމާއި ގުޅިގެން މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު ރާއީ ވަނީ ކުމުންދޫ ސްކޫލްގެ ވެރިންނާއި ދަރިވަރުންނަށް ތަހްނިޔާ ދަންނަވާފައެވެ.

މީގެ އިތުރުން ރާއީ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

"ކުމުންދޫ ސުކޫލަށް މީގެ ކުރީގެ ސަރުކާރު ތަކުންނާއި އެޑިއުކޭޝަން މިނިސްޓްރީން ވަމުން އައިސްފައިވާ އިޙްމާލް ނިމުމަކަށް ގެނައީ މި ސަރުކާރުން އަދި މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ގެ ބެލުމުގެ ދަށުން. މި ސަރުކާރަކީ ވައުދުވެ ވައުދު ފުއްދަވާ ސަރުކާރު."

މީސް މީޑިޔާގައި ރާއީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ކުމުންދޫ ސުކޫލު ގައި 12 ކުލާސްރޫމްގެ އައު އިމާރާތެއް އަޅުއްވާނެ ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެފައި ވަނީ މި އަހަރު އޮގަސްޓްމަހު އެސުކޫލަށް ކުރެއްވި ޒިޔާރަތުގައެވެ.