ގިނަ ދިރާސާތަކުން އެނގިފައިވާ ގޮތުގައި، އުފެއްދުންތެރިކަމާއި، ކާމިޔާބީއާއި، މުސްތަގުބަލާ މެދު ރަނގަޅު ތަސައްވުރެއް ހޯދުމަށް، މީހާ ހަމަޖެހިލާ، ތާޒާވެލުމަށް ކުޑަކުޑަ ވަގުތުކޮޅަކަށް ނަމަވެސް، މަސައްކަތްތަކާ ދުރުވެލާ ވިސްނުންތަކުން އެއްފަރާތްވެލުމަކީ، ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވަކިން ޚާއްސަކޮށް ފޮތްތަކާއި، މަސައްކަތު ކަރުދާސްތަކާއި، ސުވާލުތަކުގެ ތެރޭގައި އެތައް ގަޑިއިރެއް ހޭދަކުރާ ދަރިވަރުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 'މިގޮތަށް ކިޔެވުމާ ދުރުވެލާ ކިޔެވުމުގެ ވަގުތުތަކުން އެއްފަރާތްވެލުމަކީ، ކުރިން ކިޔެވިތަކެތި ހަނދާންނެތިދާނެ ސަބަބެކެވެ.'
ނަމަވެސް ހަގީގަތަކީ، ކިޔެވުމުގެ ވަގުތުތަކުން ވަގުތުކޮޅަކަށް ނުވަތަ ދުވަސްކޮޅަކަށް އެއްފަރާތް ނުވާނަމަ، އޭނާގެ ކިޔެވުމުގައި ހާސިލްވާންޖެހޭ އެންމެ ފުރިހަމަ މިންވަރަށް ހާސިލް ނުވެދާނެކަމެވެ. އަދި ބައެއް ހާލަތްތަކުގައި ޗުއްޓީގެ ވަގުތެއްނެތި އަބަދު ކިޔެވުމުގައި ހޭދަކުރުމަކީ، ކަންބޮޑުވުމާއި، އިންސޮމްނިއާ، އަދި ޑިޕްރެޝަން ފަދަ ސިއްހީ ސީރިއަސް ކަންބޮޑުވުންތަކަށް މަގުފަހިކުރުވާފާނެ ކަމެއްކަމުގައި ވާކަމެވެ. އެހެންކަމުން، މިފަދަ ބްރޭކްތަކުގެ ސަބަބުން އެކުދިންގެ އުފެއްދުންތެރިކަން އިތުރުވެ، އުފެއްދުންތެރިކަމާއި އިޖުތިމާއީ ހުނަރުތައް ކުރިއެރުވުމަށް ފުރުސަތު ފަހިވެގެންދެއެވެ.
ސްކޫލުތަކުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ސުކޫލު ޗުއްޓީފެށެނީއެވެ. މި ލިޔުމުގައި ކުރިން ދެއްކުނު ވާހަކަތަކަށް ބަލާއިރު، ޗުއްޓީއަކީ، ކިޔަވާކުދިންނަށް މުހިއްމު ދުވަސްތަކެއްކަމުގައިވެ އެވެ. އެއީ، ކީއްވެގެންތޯ ސުވާލު އުފެއްދުމަކީވެސް ނުހަނު މުހިއްމުކަމެއްކަމުގައިވެއެވެ. އަދި ފިލާވަޅުތަކުން އެއްފަރާތްވެ، އަރާމުކުރަން ނިންމާއިރު، ތިމާ މިކުރަނީ 'ކުށެއް' ނޫންކަމުގައި އިހުސާސް ކުރެވޭނެ މިންވަރަށް މިކަމުގެ މުހިންމުކަން އެނގިފައިވުމަކީވެސް އެހައިމެ މުހިއްމުކަމެކެވެ. މިހާ ހިސާބުން، ނަޒަރު ހިންގާ ބަލައިލާނީ، ދަރިވަރުންނަށް ޗުއްޓީއެއް މުހިއްމުވާ ދެތިން ސަބަބެއްގެ މައްޗަށެވެ.
- ކިޔެވުމަށް ދެވޭ ސަމާލުކަން އިތުރުވުން.
ދަރިވަރުންނަށް ދެވޭ، ކޮންމެ ޗުއްޓީއަކީވެސް ވަރަށް މުހިއްމު ޗުއްޓީތަކެއްގެ ގޮތުގައި ދިރާސާތަކުން ދައްކައެވެ. އެއީ، ކުރު ޗުއްޓީ (މިސާލަކަށް: ހަފުތާ ބަންދު) ނުވަތަ ދިގު ޗުއްޓީއެއް (މިސާލަކަށް: އަހަރީ ޗުއްޓީ) ކަމުގައި ވިޔަސްމެއެވެ. 2016 ވަނަ އަހަރު ސައިކޮލޮޖިސްޓް ކެރީ ގޮޑްވިން އާއި އެނާގެ ބައިވެރިންގެ ޓީމަކުން ކުރި ދިރާސާއެއްގައި ސާނަވީ ކްލާހުގައި ކިޔަވާ ކުދިން ފިލާވަޅަށް ސަމާލުކަން ދޭ މިންވަރު ވަޒަންކޮށްފައިވެއެވެ. މި ދިރާސާއިން އެގުނު ގޮތުގައި، އެ ކުދިން ކިޔެވުމުގައި ހޭދަކުރި ވަގުތުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ގިނަ ވަގުތު އެކުދިންގެ ސަމާލުކަން ފިލާވަޅަށް ނުދެވި، ޓީޗަރަށް ނުވަތަ އެކުދިން ކުރަމުންދިޔަ މަސައްކަތަށް ފޯކަސް ނުކުރެވޭކަން ވަނީ ދެނެގަނެވިފަ އެވެ. އަދި މިދިރާސާއިން އެގުނީ ފިލާވަޅު ކުރުވި ވަރަކަށް ދަރިވަރުންގެ ސަމާލުކަން ވަރަށް ބޮޑަށް ހިފެހެއްޓުނު ކަމެވެ. 30 މިނެޓުގެ ފިލާވަޅުތަކުގެ ބަދަލުގައި 10 މިނެޓުގެ ގިނަ ފިލާވަޅުތަކެއް ދިނުމަކީ މުދައްރިސުންނަށް މާ ފައިދާބޮޑު ކަމެއްކަމުގައި މި ދިރާސާއިން މި ޓީމަށް ފެނުނެވެ.
މި ދިރާސާއިން ދޭހަވަނީ، ކުދިންނަށް ދެވޭ ކުރު އަދި ކުދިކުދި ޗުއްޓީތަކުގެވެސް މުހިއްމުކަމެވެ. ހަމަ މިފަދައިން ދަރިވަރުން ކިޔެވުމުގެ މާހައުލުން އެއްފަރާތަށް ޖެހިލާ، ޗުއްޓީއަކަށް ދިއުމަކީ، އެކުދިން ސިނކުނޑި ތާޒާވެ، އެކުދިންގެ ކިޔެވުމާއި، ދަސްކުރުމަށް ބުންވަރެއް ދިނުމަށް ތައްޔާރުވެލުމަށް ލިބޭ ފުރުސަތެއްކަން ޔަޤީނެވެ.
- ހާސްވެ ކަންބޮޑުވުމާ ކުޑަކޮށްދޭ
އަބަދު ކަންބޮޑުވުމަކީ ދާއިމީ ސްޓްރެސް އަކަށް މަގުފަހިކުރުވާ ކަމެކެވެ. އަދި ދަރިވަރުންނަށް މާބޮޑަށް ސްޓްރެސް ވުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ އަސަރުތަކެއް ކޮށްފާނެއެވެ. އެހެންކަމުން ބްރޭކް ނެގުމަކީ ސްޓްރެސް ފިލުވައިދީ ދަށްކޮށްދޭނެ ކަމެކެވެ.
މި ގޮތަށް ލިބޭ ޗުއްޓީތަކުގައި ހާސްވެ ކަންބޮޑުވުމާ ދުރުވެލުމަށް، ޗުއްޓީތެރޭގައި ތަފާތު ކަމެއް ކޮށްލުން މުހިއްމެވެ. މިސާލަކަށް، ތަފާތު މާހައުލަކަށް ވަގުތުކޮޅަކަށްނަމަވެސް ގޮސްލުމަކީ، މުހިއްމުކަމެކެވެ. އެމީހެއްގެ ފޯރުންތެރިކަމާއި ޤާބިލިއްޔަތު ތަންދޭ މިންވަރަކުން މިކަން ކުރެވިދާނެ ތަފާތުގޮތްތައް އެބަހުއްޓެވެ. ގޭގައި އާއްމުކޮށް ހެނދުނުގެ ނާސްތާ ކުރުމަށް ހުންނަ ބާވަތެއް ހިފައިގެން ރަށުގެ ގޮނޑުދޮށަށް ނިކުމެލާ އެ މާހައުލުގައި އެދުވަހުގެ ނާސްތާ ކޮށްލުމަކީ، ބަޔާންނުކުރެވޭހައި ގިނަގުނަ ފައިދާތަކެއް ލިބޭނޭ ކަމެކެވެ. ޗުއްޓީއެއްގެ އުފާވެރިކަން އިތުރަށް ފުރިހަމަވެ، ހާސްވެ ކަންބޮޑުވުމުން، ދަރިވަރު ދުރުކޮށްދޭނޭ ވަރަށް ގިނަ ކުދިކުދި ކަންކަން ހުންނާނެއެވެ.
- އާ ކަންތައްތައް ތަޖުރިބާކުރުމަށް ފުރުޞަތުލިބުން
ޗުއްޓީތަކުގެ މާނައަކީ ތިބާގެ ދަރިފުޅަށް، ވަގުތުތައް ބޭނުން ގޮތަކަށް ބޭނުންކަމެއް ކުރުމަށް ފުރުޞަތު ދިނުމެއްނޫނެވެ. ބެލެނިވެރިޔާގެ ފުރިހަމަ ރޭވުންތެރިކަމާއެކުގައި، އެކުދިންނަށް މަގު ދައްކާދެވިއްޖެނަމަ، އެކުދިންނަށް އެކުދިންގެ ޗުއްޓީ އިތުރަށް ފުރިހަމަ ކޮށްލުމަށް އެހީއެއްކަމުގައި ވާނެއެވެ. އެގޮތުން، އަހަރުގެ ތެރޭގައި އާންމު ގޮތެއްގައި ނުކުރާނެ ފަދަ ހަރަކާތެއް ނުވަތަ ޙަރަކާތްތަކެއް ރާވާލެވިދާނެއެވެ. މިސާލަކަށް، ބިއްލޫރި ފުޅިއަކަށް ހިނިތަކެއް ލުމަށްފަހު، އެހިނިތައް ހަރުކޮނެ ދިރިއުޅުން ބައްޓަންކުރާގޮތް ބެލުމަށް ފުރުޞަތު ދެވިދާނެއެވެ. ޗުއްޓީއަކީ، މިފަދަ ތަޖުރިބާއެއްކޮށްލުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މިފަދަ ތަޖުރިބާތަކުން ކުދިންނަށް އިތުރު މަޢުލޫމާތު ލިބި އެކުދިންގެ މަޢުލޫމާތުގެ ހަޒާނާ މުއްސަނދިވެގެންދާނެއެވެ.
- އާއިލީ އުފައުވެރިކަން
ގޭގައި ނުވަތަ އާއިލި މެންބަރުންނާއެކު ވަގުތު ހޭދަ ކުރުމަކީ ހިތްހަމަ ހިތްހަމަޖެހުން ގެނެސްދޭނޭ ކަމެކެވެ. ސުކޫލް ޗުއްޓީއެއްގައި މިފުރުޞަތު ވަރަށްބޮޑަށް ފަހިވެގެންދެއެވެ. ސަރުކާރު އޮފީހެއްގައިވިޔަސް ނުވަތަ ރަށުން ބޭރުގައި މަސައްކަތްކުރިނަމަވެސް، ސުކޫލްގެ މި ޗުއްޓީ ދުވަސްވަރާ ދިމާވާނޭހެން ބެލެނިވެރިން ނުވަތަ މައިންބަފައިންވެސް ވަޒީފާތަކުން ޗުއްޓީ ނަގާ، އާއިލާއެކުގައި ގިނަވަގުތުތަކެއް ހޭދަވާނޭ ބީދައިން ރާވާލުން ވަރަށް މުހިއްމެވެ. މިކަމުގެ ސަބަބުން، އާއިލީ ގުޅުން ވަރަށްބޮޑަށް ހަރުދަނާވެ، ދަރިންނާ، މައިންބަފައިންނާ ދެމެދުގައި އޮންނަންޖެހޭ ބާރުވެރިގުޅުން އުފެދިގެން ދެއެވެ. އާއިލާއަށް އުފައުވެރިކަން ގެނެސްދޭނީ މިގުޅުން ފުރިހަމަވެ ރަނގަޅުވެ ވަރުގަދަވާ މިންވަރަކުންނެވެ.
ކޮންމެ އަކަސް ސުކޫލުގެ ޗުއްޓީ ފެށެނީއެވެ. މި ބަލައިލެވުނީ އެ ޗުއްޓީގެ މުހިއްމުކަމުގެ މައްޗަށެވެ. ނަމަވެސް، މުހިންމު އިމްތިހާނަކަށް މިސާލަކަށް، ސާނަވީ ތަޢުލީމު ނިންމާ އިމްތީހާނުފަދަ މުހިއްމު އިމްތިހާނަކަށް ތައްޔާރުވާ ދަރިވަރުން މިފަދަ ޗުއްޓީއަކަށް ދިއުމާމެދުގައި ގިނަ ސުވާލުކެއް އުފެދިދާނެއެވެ. އަދި ކިޔެވުމާ ދުވަސްކޮޅަކަށްނަމަވެސް ދުރަށް ދާން ޖެހޭ ޖެހުން ޤަބޫލުކުރަން އުނދަގޫ ވެދާނެ އެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި މިގޮތަށް ލިބޭ ޗުއްޓީތަކުގެ ސަބަބުން ހަގީގަތުގައި ކާމިޔާބު ވުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ. މާޔޫސްވުމާ ކަންބޮޑުވުން ދުރުކޮށްދޭނެއެވެ. އިމްތިހާނުގެ ބިރާ ކުރިމަތިލުމަށް ހިތްވަރެއް ލިބޭނެއެވެ. ނަމަވެސް މިކަންވާނީ އެދެވޭ ގޮތުގައި ޗުއްޓީ ރާވާލައިގެންނެވެ. ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!