ހދ. ކުޅުދުއްފުށި ސިޓީގެ ކުނިކޮށީގައި އާއްމު ފަރާތްތަކުން އަލިފާން ރޯ ކުރަމުންދާތީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކަން މަނާކޮށްފިއެވެ.
އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި ދުވަސްވަރަކީ އިރުވައި މޫސުންކަމުން މިގޮތަށް އަމަލު ކުރުމުގެ ސަބަބުން ކުނިކޮށިން އަރާ ދުންތައް ރަށުތެރެއަށް ފެތުރި ސަރަހައްދުގެ ގެތަކަށާއި، މުއައްސަސާތަކަށް އަންނަނީ ނުހަނު ދަތި އުނދަގޫތަކާއި ކުރިމަތިވަމުންކަމަށެވެ.
ކުނިއުކާލުން ފިޔަވައި އިތުރު އެއްވެސް ބޭނުމަކަށް ކުނިކޮށްޓަށް ނުވަނުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ކުނިކޮށްޓަށް ކުނި އުކާލުން ފިޔަވައި އެއްވެސް އެހެން ބޭނުމަކަށް ކުނިކޮށްޓަށް ނުވަނުމަށް ނަސޭހަތްތެރިވަމެވެ. އަދި ކުނިކޮށީގައި އަލިފާން ރޯކުރުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އިޢުލާންކޮށް އަންގަމެވެ."
އެކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.
އެ ސިޓީގެ ކުނިކޮށީގައި ޒަމާނުއްސުރެ ޖަމާވެފައިވާ ކުނިތައް ހުސްކުރުމަށްޓަކައި މިވަގުތު ކުނިކޮށި ވަނީ ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަންއާ ހަވާލުކުރެވިފައި ކަމަށެވެ.
މީގެ އިތުރުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!