ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް މިއަދު ހުޅުވައިފިއެވެ.

ހިޔާ ފްލެޓްތަކުގެ ދެކުނު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

Ad
rt

މަސްޖިދު އަބީ ބަކްރިއް ސިއްދީޤް ނަން ދީފައިވާ މި މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ ހިޔާ ފްލެޓް ސަރަހައްދުގައި އިމާރާތްކުރާ ވަގުތީ ދެ މިސްކިތުގެ ތެރެއިން ފުރަތަމަ މަސައްކަތް ފެށި މިސްކިތެވެ.

މި މިސްކިތް އިމާރާތްކޮށްފައި ވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. އެ ކުންފުންޏާއި އިތުރު ދެ ވަގުތީ މިސްކިތް އިމާރާތް ކުރަންވެސް ވަނީ ހަވާލުކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތު ހުރި ދާއިމީ މިސްކިތަކީ ހެޔޮއެދޭ ފަރާތަކުން އިމާރާތް ކޮށްފައިވާ "މަސްޖިދު ޢަމީލް ޖަލީލް"އެވެ. އެއީ ބޮޑުމިނުގައި 16،400 އަކަފޫޓް ހުންނަ، 480 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ހުޅުމާލޭ ފޭސް 2 ގައި ކުރީ ސަރުކާރުން ހިންގަންފެށި ހިޔާ މަޝްރޫޢުގެ ދަށުން 6,720 ފުލެޓް އިމާރާތްކޮށްފައިވާއިރު، އެ ފްލެޓްތައް ލިބުނު ޢާއިލާތައް ފްލެޓްތަކަށް މިހާރު ދަނީ ބަދަލުވަމުންނެވެ. އެހެންކަމުން މިސްކިތްތަކާއި، ސްކޫލްތަކާއި އެ ސަރަހައްދުން ގިނަ އާންމު ޚިދުމަތްތަކެއް ލިބެންނެތުމަކީ މިހާރު ފޭސް ދެއެއްގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިކަމެކެވެ.