އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އެވަޓަންއާއި އާސެނަލް ބައްދަލުކުރި މެޗު އެވަޓަންއިން ކާމިޔާބު ކޮށްފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުން ބަލިވުމާއެކު ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ. ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އާސެނަލްވަނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ވެސް ބަލިވެފައެވެ. އާސެނަލް ދެން ލީގުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ އަމިއްލަ ދަނޑުގައި ސައުތެމްޓަންއާއި ދެކޮޅަށެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވަނީ އާސެނަލުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ޓިއާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އޮޑެގާޑެވެ.
މެޗުގައި އެވަޓަންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 79 ވަނަ މިނެޓުގައި ރިޗާލިޝަންއެވެ. ރިޗާލިޝަންގެ މި ލަނޑުގެ ކުރިން މެޗުގައި އޭނާ ވަނީ އާސެނަލްގެ ގޯލަށް ދެ ލަނޑު ވައްދާލާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ދެ ލަނޑު ކާމިޔާބުކުރި އިރު ވެސް އޭނާ އޮފްސައިޑްގައި ހުރުމުން ރެފްރީ ވަނީ އެ ދެ ލަނޑު ބަލައި ނުގަނެފައެވެ.
މި މެޗުން އެވަޓަން މޮޅުވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި އަންދްރޭ ގޮމޭސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑިމަރޭ ގްރޭ ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ.
މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ޖެހިލުމުގެ ފުރުޞަތު އާސެނަލްއަށް އޮތެވެ. ނަމަވެސް މި މެޗުން ބަލިވުމުން އާސެނަލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތްވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ. މެޗުން މޮޅުވި އެވަޓަން މިވަގުތު އޮތީ ތާވަލުގެ 12 ވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 18 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!