މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. މަކުނުދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި މަސްރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
އެރަށު ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ އިދާރާ އަށް ފޯމް ހުށައަޅަން ޖެހެއެވެ.
މި މަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 7 ޖަހާ އިރު ފެށުމަށް ހަމަޖެހިފައިވާ މި މަސްރޭސް، އެދުވަހުގެ ހަވީރު 16:30 ހަމައަށް ކުރިއަށް ދާނެ އެވެ. އެންމެ މަދުވެގެން 4 އަދި ގިނަވެގެން 6 ޓީމްއަށް މި މަސްރޭހުގައި ބައިވެރިވެވޭއިރު 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ދާ ޓީމް ތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން އެންމެ ބޮޑުމަސް އަދި އެންމެ ދިގުމަސް ބާނާ ފަރާތް ވެސް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ނަނުގެ އަދި ދޮށީގެ މަސްވެރިކަން ކުރާ ގޮތަށް ރާވާފައިވާ މި މަސްރޭހުގައި ވަނީ ވަކި ޤަވާއިދުތަކެއް ހަދ،ާ އެގޮތަށް ހުރިހާ ޓީމަކުން ވެސް އަމަލު ކުރުމަށް އަންގާފައެވެ. އަދި ޤަވާއިދާއި ޚިލާފުވާ ޓީމްތައް ޑިސްކޮލިފައި ކުރެވިގެން ދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!