ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
"އިހަވަން ކަޕް ފުޓްބޯޅަ މުބާރާތް 2021" ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހއ. އިހަވަންދޫގެ އެންމެހާ ޒުވާނުންނަށާއި، އިހަވަންދޫ ފިޔަވައި، ހއ. ހދ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހއ. ހދ އަތޮޅުގައި ހުރި ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމާޢަތްތަކާއި، ހއ. ހދ އަތޮޅުގައި ހުރި ކުންފުނިތަކާ އަދި ހއ. ހދ އަތޮޅުގައި ހުރި ރިސޯޓުތަކަށެވެ.
އިހަވަންދޫގެ އެއްވެސް ކްލަބު ޖަމްޢިއްޔާއަކަށް، ސަރުކާރުގެ މުއައްސަސާއަކަށް، އަދި ކުންފުންޏަކަށް މި މުބާރާތުގައި ބައިވެރިއެއް ނުވެވޭނެއެވެ.
24 ޑިސެމްބަރ 2021 ވާ ހުކުރު ދުވަހު އިހަވަންދޫ ހުރަވީ ފުޓްބޯޅަ ދަނޑުގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމަށް ފޯމު ހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚަކީ 15 ޑިސެމްބަރ 2021 ވާ ބުދަ ދުވަހެވެ. މުބާރާތުގައި ބައިވެރި ވުމަށް ހުށަހަޅާ ފޯމު 2000 ރުފިޔާގެ ފީއަކާއިއެކު ބަލައިގަތުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، މުބާރާތުގެ ޤަވާއިދު ކުލަބް ޕޯލްސްޓާރގެ އޮފީހުންނާއި އެ ޖަމްއީއްޔާގެ ފޭސްބުކް ޕޭޖުން ލިބިލައްވާނެ ކަމުގައި އެ ޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

ކުލަބު ޕޯލްސްޓަރ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މުބާރާތް ހިންގުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހއ.ހ.ދ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ހއ.ހދ އަތޮޅުގައި ހުރި ކުންފުނިތަކާއި ރިސޯޓުތަކާއި، އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމާއި، ހއ.ހދ އަތޮޅުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި، ހއ.ހދ އަތޮޅުގެ ޒުވާނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން ޤާއިމު ކުރުމެވެ.
މިއީ ކުލަބް ޕޯލްސްޓަރއިން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ހދ.ނޮޅިވަރަމުންނެވެ.
މިއީ ތިލަދުންމަތީގެ ޖަމްޢިއްޔާއަކުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 25000 (ފަންސަވީސްހާސް ރުފިޔާ) އެވެ.
ކުލަބް ޕޯލްސްޓަރ ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރެވިގެން އިހަވަންދޫގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!