ހއ. ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން 23 ނޮވެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި ފަހަރު އެ ރަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ސަރުކާރުން އެކުލަވާލައި ޢާއްމުކުރައްވާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި، 17 ނޮވެމްބަރ 2021 ގައި އެ ކައުންސިލުން ފާސްކޮށްފައިވާ، ތަކަންދޫއިން ގޯތި ދޫކުރުމުގެ އުޞޫލުގައިވާ ގޮތުގެމަތިން ގޯއްޗަށް އެދޭ ފަރާތްތަކުގެ ތެރެއިން ގޯތި ލިބުމުގެ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓުލިބޭ 24 ފަރާތަށެވެ.
އެ ކައުންސިލުން 3000 (ތިންހާސް) އަކަފޫޓުގެ ގެވަޅު ދޫކުރުމަށް ނިންމާފައިވާއިރު، އެ ކައުންސިލުން ވަނީ ގެވަޅުތައް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން ވެސް އާންމު ކޮށްފައެވެ. މިގޮތުން ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ތަކަންދޫގެ އިރުމަތީ ކުޅީގެ ހުޅަގުން ޔަމަން ކިޔާ ގޯތީގެ އިރު އުތުރުގައިވާ ސަރަޙައްދުން 07 ގޯއްޗާއި، އެވެނިއު ކިޔާ ގޯތީގެ އިރުމަތިން 2 ގޯއްޗާއި، ވެލީ ކިޔާ ގޯތީގެ އިރުމަތިން 2 ގޯއްޗާއި، ޑޭލައިޓް ކިޔާ ގޯތީގެ ދެކުނުން 01 ގޯއްޗާއި، ޑޭލައިޓް ކިޔާ ގޯތީގެ އިރުން 04 ގޯތީގެ އިތުރުން ފެންފިޔާޒް މަގުން ދެކުނުން 08 ގޯއްޗެވެ.
ތަކަންދޫއިން ދިރިއުޅުމަށް ގޯތި ބޭނުންފުޅުވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު 30 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެކުރިން އެ އިދާރާއަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
17 ނޮވެމްބަރ 2021 ގައި އެ ކައުންސިލުން ފާސްކޮށްފައިވާ "ތަކަންދޫއިން ގޯތި ދޫކުރުމުގެ އުޞޫލު" އާއި "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ގެ ލިންކް މި ޚަބަރުގެ ތިރީގައި ހިމެނިފައިވާނެއެވެ.
https://storage.googleapis.com/gazette.gov.mv/docs/iulaan/63503.pdf
https://storage.googleapis.com/gazette.gov.mv/docs/iulaan/63504.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!