ހދ. ނޮޅިވަރަމުގެ ދަނޑުވެރިންނަށް ފަންނީ މަޢްލޫމާތު ދިނުމުގެ ތަމްރީނު ޕްރޮގުރާމެއް ހިންގައިފިއެވެ.
މިއީ އެގްރޯނެޓް ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ފަރާތުން ކުރިއަށް ގެންދިޔަ މިތަމްރީން ޕްރޮގްރާމެކެވެ.
ޢަމަލީ މަސައްކަތާއެކު ހިންގުނު މިތަމްރީން ޙަރަކާތުގައި، ގަސް އިންދުމަށް ބެޑް ހަދާނެގޮތާއި، މުޑުވައްކުރާނެ ގޮތާ އަދި ގަސްކާނާ ބޭނުންކުރާނެ ގޮތާބެހޭ މައުލޫމާތު ދީފަވެއެވެ.
މީގެއިތުރުން ޢާންމުކޮށް ގަސްގަހަށް ޖެހޭ ބަލިތަކާ، އެފަދަ ބަލިތަކަށް ބޭސްދިނުމާ ބަލިތަކުން ރައްކާތެރިވާނެ ގޮތްތަކާ، ހާވެސްޓް ރަގަޅު ވާނެ ގޮތްތަކާ، ދަނޑުވެރިކަމުގެ ވިޔަފާރިން ނަފާ އިތުރު ކުރެވޭނެ ގޮތްތަކުގެ މައްޗަށް ވެސް މަޢްލޫމާތު ދީފައިވެއެވެ.
އެގްރޯނެޓުން ހިންގާ ކޮންޓްރެކްޓް ފާމިންގ އަކީ މުޑުވައްކުރާ ހިސާބުން ފެށިގެން ހައްދާ ބާވަތެއް ކެނޑުމާ ހަމައަށް އިންތިޒާމުކުރެވިގެން ބެލެހެއްޓިގެން ހިންގޭ ދަނޑުވެރިކަމެކެވެ.
ނޮޅިވަރަމްގައި އެގްރޯނެޓުން ހިންގި ތަމްރީނު ޙަރަކާތް ހިންގުމުގައި ނޮޅިވަރަމް ކައުންސިލާ ދަނޑުވެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރުލުން އެ ކުންފުނިން ފާހަގަ ކުރެއެވެ.
އެގްރޯނެޓުން ހިންގާ ކޮންޓްރެކްޓް ފާމިން ޕްރޮގްރާމްގެ ދަށުން އެކުންފުންޏާއި ބައިވެރިވެރިވެފައިވާ ދަނޑުވެރިންތިބި ގިނަ ރަށްތަކެއްގައި މިހާރުވެސް ވަނީ މީގެ ޕްރޮގްރާމްތައް ހިންގާފައެވެ. އަދި ދަނީ ހިންގަމުންނެވެ.
ދިވެހި ސަރުކާރުން ޙިއްޞާވާ ދަނޑުވެރިކަމަށް ޚާއްޞަ ކުންފުނި "އެގްރޮ ނޭޝަނަލް ކޯޕަރޭޝަން" އަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.
މި ކުންފުނީގެ މައިގަނޑު މަސައްކަތާއި މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ގެ ތެރެއިން، ނޫ އިޤްތިޞާދުގެ އަމާޒުތަކާއި އެއްގޮތްވާގޮތުގެ މަތިން، ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވާ އާލާކުރުމެވެ.
އޭގެ އިތުރުން ދުރުރާސްތާގެ ކާބޯތަކެތީގެ ޔަގީންކަން ހޯދުމަށާއި، އިމްޕޯޓް ސަބްސްޓިޓިއުޝަންގެ އަމާޒުތައް ހާސިލުކުރުމަށާއި، ވަޒީފާގެ ފުރުޞަތުތަކާއި ޓްރޭޑް ބެލެންސް ފަދަ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުންވެސް މި ކުންފުނީގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!