ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑާއި އަވަށްޓެރި އިންޑިއާ ކޯސްޓްގާޑާއި، ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ކުރިއަށްގެންދާ، "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް - ދޯސްތީ" މިއަދު ފަށައިފިއެވެ.
މި އެކްސަސައިޒް ބާއްވަން ފެށިތާ 30 އަހަރު މިއަހަރު ފުރޭއިރު، އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ.
މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒްގެ އޮބްޒާވަރުއްގެ ގޮތުގައި މޮރިޝަސްއާއި ސީޝެލްސް އަދި ބަނގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ ބައިވެރިވަމުންނެވެ.
މި އަހަރުގެ އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތު މިއަދު އޮތީ ކްރޮސް ރޯޑް މޯލްޑިވްސްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
މި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިއާ ވިދާޅުވީ، މި އަހަރަކީ، ތިން ޤައުމުން ގުޅިގެން ހިންގާ ޓްރައިލޭޓަރަލް އެކްސަސައިޒް "ދޯސްތީ" ގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރު ކަމަށްވާއިރު، މި ތާރީޚީ ވަގުތުކޮޅުގައި ބައިވެރިއަކަށް ވުމަކީ، އެކަމަނާއަށް ލިބިލެއްވި ވަރަށް ބޮޑު އުފާފުޅެއްކަމަށެވެ.
މިފަދަ އެކްސަސައިޒް ތަކުގެ ސަބަބުން، އަވައްޓެރި ޤައުމުތަކާ ދެމެދު އޮތް އެކުވެރިކަމާއި ރަޙުމަތްތެރިކަން ފެނިގެންދާކަން ފާހަގަކުރައްވައި، މި ޖޮއިންޓް އެކްސަސައިޒްތަކާއި، ޓްރޭނިންގތައް ދިވެހި ސިފައިންނާއި، ސެއިލަރުން ދެކެނީ، ވަރަށް ފައިދާހުރި އަދި ވަރަށް ފުރިހަމަ ތަމްރީނުތަކެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ދެއްކެވި ވާހަކަފުޅުގައި މިއަދު ފެށިގެންދިޔަ އެކްސަސައިޒަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، މި ތަމްރީނުތަކުން ފެނިގެންދަނީ 30 އަހަރު ދުވަހުގެ ދިގު ރާސްތާއެއް ކަނޑައްތުކުރެވިފައިވާ މުހިންމު ދަތުރެއް ކަމާއި، 1991 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އައިއިރު، އެ ތަމްރީނުތަކުގެ ސަބަބުން ވަރުގަދަ ކަނޑުގެ ބާރެއް އުފެދިފައިވާ ކަމަށެވެ. އަދި އެކަމަށް ޓަކައި ވޭތުވެދިޔަ 30 އަހަރު ދުވަހު، މި އެކްސަސައިޒަކީ ކާމިޔާބު އެކްސަސައިޒަކަށް ހެއްދެވުމުގައި ބައިވެރިވެލެއްވި ހުރިހާ ފަރާތްތަކަކަށް ޗީފް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ޤައުމީ އަދި ސަރަޙައްދީ ސަލާމަތަށް މީގެކުރިން ކުރިމަތިނުވާ ފަދަ ބޮޑެތި ގޮންޖެހުންތައް މިހާރު ފެންނަމުންދާކަން ހަނދާން އައުކުރަން ޖެހޭ ކަމަށާއި، އިންޑިއާ ކަނޑުގެ ބޮޑު ސަރަޙައްދަށް ބަލާލާއިރު ފެންނަމުންދަނީ ބަދަލުވަމުން އަންނަ އިސްތިރާޖީ މާހައުލެއް ކަމަށެވެ. އަދި ކްރޮސް ބޯޑަރ ޓެރަރިޒަމާއި، ޕައިރެސީއާއި، މަސްތުވާތަކެތީގެ ވަގު ވިޔަފާރިއާއި، ހަތިޔާރުގެ ވަގު ވިޔަފާރި ފަދަ ކުށްތަކަކީ ސަލާމަތީގޮތުން މި ސަރަޙައްދުން ފެންނަމުންދާ އަންދާޒާ ނުކުރެވޭ ފަދަ ގޮންޖެހުންތަކެއް ކަމަށް ވިދާޅުވިއެވެ.
އެކްސަސައިޒް ދޯސްތީއަށް 30 އަހަރު ފުރިގެން ބާއްވާ ހަރަކާތްތައް ކުރިއަށްދާނީ ނޮވެންބަރު 20 އިން 24 އަށް ރާއްޖޭގައި ބާއްވާ ޓްރައިލެޓްރަލް ޖޮއިންޓް އެކްސަސައިޒް، ދޯސްތީ 15 ގެ ތެރެއިންނެވެ.
;
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!