ސްޓެލްކޯގެ ވޯކްޝޮޕް، ސްޓެވޯގެ އިންޖީނާއެކު ވ. ތިނަދޫގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފިއެވެ.
މިއީ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލް ކުރި، ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލްގެ މުޅިން އާ ޖަނަރޭޓަރެކެވެ. މި ޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސެމްބަލްކުރި ޖަނަރޭޓަރު ތަކުގެ ތެރެއިން، ކޮމިޝަންކޮށް ބޭނުން ކުރަން ފެށި ފުރަތަމަ ޖަނަރޭޓަރެވެ.
ސްޓެލްކޯ އިން ބުނީ އާ ޖަނަރޭޓަރާއެކު ތިނަދޫގެ ޖުމްލަ ކެޕޭސިޓީ 1136 ކިލޯވޮޓް އިތުރުވެފައިވާ ކަމަށެވެ. މީގެ ކުރިން ތިނަދޫގެ ކެޕޭސިޓީއަކީ 656 ކިލޮވޮޓެވެ.
ތިނަދޫގެ އާ އިންޖީނުގެ ބޭނުންކުރަން ފަށާފައި މިވަނީ ތިނަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްވެސް އަޕްގްރޭޑް ކުރުމަށްފަހުގައި ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ. އަދި އެ ރަށުގެ ބާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުސެޓްތައް އާ އިންޖީނުގެއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ބާ އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް އާ އިންޖީނުގެއަށް ބަދަލު ކުރެވުމާއެކު، ބާ އިންޖީނުގެ ބޭނުން ކުރުން އެއްކޮށް ހުއްޓާލާނެއެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި، ތިނަދޫ އިންޖީނުގޭގައި ސޯލާ އިންސްޓޯލް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ތިނަދޫ އިންޖީނުގޭގައި 20 ކިލޯވޮޓްގެ ސޯލާ އިންސްޓޯލް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!