ހދ. ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގުގައި ކުޅުނު ތިންމެޗުން ވެސް ކާމިޔާބުކޮށް ޓީމް ސީއެސް ވިމެންސް ފައިނަލަށް ދިއުމުގެ ފުރުޞަތު ބޮޑުކޮށްފިއެވެ.

މި މުބާރާތުގައި ތިންވަނަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބައްދަލު ކޮށްފައި ވަނީ ޒީރު ސްޓާރސްއާއި ސީއެސް ވިމެންސްއެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރ 13 ސާއިދާ މޫސާއެވެ.

Ad
rt

މުބާރާތުގެ ހަތަރު ވަނަ މެޗުގައި 13 ވަނަ ދުވަހުގެ ރޭ ބައްދަލު ކޮށްފައި ވަނީ ސަންދިޔާއާއި ބީސީ ވިމެންސްއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ސަންދިޔާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސަންދިޔާ ޓީމްގެ ޖޯޒީ ނަމްބަރ 19 ސާއިދާ ހަސަންއެވެ.

މި މުބާރާތުގެ ފަސްވަނަ މެޗުގެ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބައްދަލު ކޮށްފައި ވަނީ ސީއެސް ވިމެންސްއާއި ބީސީ ވިމެންސްއެވެ. މި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ސީއެސް ވިމެންސްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސީއެސް ވިމެންސްގެ ޖޯޒީ ނަމްބަރ 8 ނައުފާ އިބްރާހީމްއެވެ.

މި މުބާރާތުގެ ހަވަނަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބައްދަލު ކޮށްފައި ވަނީ ސަންދިޔާއާއި ޓާފް ކުއީންއެވެ. މި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ސަންދިޔާއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސަންދިޔާގެ ޖޯޒީ ނަމްބަރ 12 ރާޝިދާ މޫސާއެވެ.

މުބާރާތުގައި ފަސް ޓީމް ވާދަކުރަމުން އަންނައިރު، މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ.

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވި ސީއެސް ވިމެންސްއެވެ. އެ ޓީމަށް 3 މެޗުން 9 ޕޮއިންޓް ވަނީ ލިބިފައެވެ. ދެވަނާގައި ކުޅުނު 3 މެޗުން ލިބުނު 6 ޕޮއިންޓާއިއެކު އޮތީ ސަންދިޔާއެވެ. ތިންވަނާގައި ކުޅުނު 2 މެޗުން ލިބުނު 3 ޕޮއިންޓާއިއެކު އޮތީ ޓާފް ކުއީންސްއެވެ.

15 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ ރޭ ވެސް މި މުބާރާތުގައި ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސަންދިޔާއާއި ޒީރު ސްޓާރސްއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ސީއެސް ވިމެންސްއާއި ޓާފް ކުއީންސްއެވެ.

މި މުބާރާތުގެ މެޗުތައް ކުމުންދޫ ޔޫތް ސްޕޯރޓްސްގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.