ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީިލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅި، ކްރިމިނަލް ކޯޓުގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކުގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން ފުލުހުންގެ އިދާރާއަށް ވަޑައިގެންފި އެވެ.

އެ ބޭފުޅުން މީގެ ކުރިން ވެސް ވަނީ އެ އޯޑިއޯތަކުގެ މައުލޫމާތު ހޯދަން ފުލުހުންގެ އިދާރާއަށް ވަޑައިގެންފައެވެ.

Ad
rt

ފުލުހުންގެ މައި އިދާރާއަށް ވަޑައިގެންނެވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު އެކްޓިން ލީޑަރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވީ އެބޭފުޅުން ފުލުސްއޮފީހަށް ވަޑައިގަތީ ތަކުރާރުކޮށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު އާއި ބައްދަލުކުރައްވަން ސިޓީ ފޮނުވައި، ޖަވާބު ނުލިބުމުން ކަމަށެވެ.

އަދުރޭ ވިދާޅުވީ މީގެ ކުރިން ފުލުހުންނާ ބައްދަލުކޮށް، އޯޑިއާތަކާ ގުޅިގެން ސުވާލުކުރުމުން އެ އެއްޗެހި ތަހުލީލުކުރަން ރާއްޖެއިން ބޭރަށް ފޮނުވައިފައިވާ ކަމުގެ މައުލޫމާތު ދެއްވި ކަމަށާއި، އަދި 10 ދުވަސް ތެރޭގައި އޭގެ ނަތީޖާ ލިބޭނެ ކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް އޭގެ ފަހުން އިތުރު 10 ދުވަސް ފާއިތުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް މަނީ ލޯންޑަރިންގެ ކުށުގައި ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުން ތިން ފަނޑިޔާރަކު އެ ހުކުމާ ބެހޭ ގޮތުން ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތައް ހުރީ އެޑިޓުކޮށް ބަދަލުކޮށްފައި ކަމަށާއި އޭގެ ތެރެއިން އަޑު ދިމާވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އެކަނި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ ހާމަކުރަށްވާފައެވެ.

ތިން ފަނޑިޔާރަކަށް ތުހުމަތުކޮށް އޯޑިއޯތަކެއް ލީކު ކުރި މައްސަލާގައި ޖޭއެސްސީން ވަނީ ފޮރެންސިކް އެނާލިސިސްއެއް ހެދުމަށް ފުލުހަށް ހުށަހަޅައިފަ އެވެ. ފޮރެންސިކް އެނާލިސިސްގެ ނަތީޖާ ލިބުމާ އެކު ޖޭއެސްސީން މި ހިނގާ ނޮވެމްބަރު 1 ވަނަ ދުވަހު ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ލީކު ކުރި ތިން އޯޑިއޯއަކީ ވެސް ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކިވަކި ކްލިޕްތަކަކުން ގުޅުވައިގެން އެޑިޓް ކޮށްފައިވާ އޯޑިއޯތަކެއްކަން އެނގޭ ކަމަށެވެ.

އޭގެ ތެރެއިން ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާ ނުވާ ކަމަށާއި އެހެންކަމުން އެއީ ދޮގު ތުހުމަތެއް ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުންގެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެެވެ.

މި މައްސަލާގައި އޯޑިއޯގެ އަޑާއި، ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާ ކަމަށް އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ އެ ކޮމިޝަނުން މައްސަލަ ތަހުގީގު ކުރަން ނިންމައި، އެއީ ސްލޫކީ މައްސަލައެއް ކަމަށް ކަނޑައަޅައި، ފާއިޒް ވަނީ މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް މަސައްކަތުން އެކަހެރިކޮށްފައެެވެ.

ނޮވެމްބަރު 28، 2019 ގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ.