ހިންދުމާ ކަނޑުތެރޭގައި އުފެދިފައިވާ ކުދި ޖަޒީރާތަކުގެ ތެރެއިން ޤުދުރަތީ ޖާދޫގެ މުރަކައެއް މަތީ މަޑުނޫކުލައިގެ ސާފު ބޮޑު ފަޅެއްގެ މެދަށް ހުދުވެލިން ފިނޮޅެއް އުފެދި ނަލަނަލަކޮށް ފެތުރިލައި އޮވެ ބިޔަ ގަސް ރުކުން މަލަފެވޭ ޗާލު މަލަމަތިން ހާއި، ހެލޯ ޖަހައި އޮތުމަކީ ށ އިން ބިލެތްފަހި ހަމައެކަނި އަދާކުރަންޖެހޭ ދައުރު ނޫންކަން ހިތުގެ އަޑިން ރަށުގެ މުޅި އިހްތިސާސްދެކެ ލޯބިވާ ށ ބިލެތްފަހީގެ ރަށްވެހިން ޤަބޫލުކުރެއެވެ.
ދިގުމިނުގައި 1.92 ކިލޯ މީޓަރު އަދި ފުޅާމިނުގައި 0.63 ކިލޯ މީޓަރު ހުންނައިރު 705 ވަރަކަށް މީހުންގެ އާބާދީ އެއް މިރަށުގައި ދިރިއުޅެނީ ފަޤީރެއް ނެތި ރަނގަޅު އަދަދު ތަކުން އާމްދަނީ ހޯދައިގެން ތިން އިރުގެ ލޮނުކަން ހޯދައި މީރުކޮށް ކައިގެން ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބޭނުންވާކަން ރަނގަޅަށް އެނގިތިބެއެވެ.
ކޮންމެ ދުވަހެއްގެވެސް އާދަކާދައިގެ މަތިން ފަތިހާއި، ހަވީރު ކަސްރަތު ކުރުމާއި، މޫދަށް އެރި މޫދު ކަސްރަތާއި، ކަސްރަތަށް ހިނގުމުގެ ޝަޢުޤުވެރިކަން ހުންނަ މީހުންވެސް މަދެއް ނޫނެވެ. ހަވީރު ގަޑީގައި ފުޓްސަލް، ފުޓްބޯޅަ، ހޭންޑްބޯލް ކުޅެއެވެ. ފާހަގަކުރާ ޙާއްސަ ދުވަސްތައް ޙާއްސަކޮށް ބޮޑުއީދު ގައި ސަޤާފީ ކުޅިވަރުތައް ކުޅެއެވެ. ސަޤާފީ ކުޅިވަރުތައް ދިރުވާ އާލާކުރުން މިކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.
ފޮޓޯ: އަޙްމަދު ނާޒިމް
ރޭގަނޑު އަރާމުކޮށް ނިދާފައި ބޮޑުފަތިހާ ހޭލާ މިސްކިތަށް ގޮސް ފަތިސް ނަމާދު ކޮށްގެން މަސައްކަތް ފެށުމުގެ ރިވެތި ހެޔޮ ރަނގަޅު އާދަ މަސައްކަތު އާބާދީގެ ގިނަ ބަޔެއްގެ އާދައަކަށް ވެފައިވާކަމީ މުރާލި މަސައްކަތްތެރިންގެ ގޮތުގައި ކުރިއަރާ ދާކަމުގެ ސަބަބެވެ. ނަމާދުކޮށްގެން ގެއަށް އައިސް ކާގެއަށްވަދެ ކުޑަސައި ބޮއިގެން ދުވަހުގެ މަސައްކަތް ފަށައިގަތުމުގެ ކުރިން ދޯނީގައި ކަނޑުއޮޅިއަށް ނިކުމެލާ ވަދުއަޅައިގެން މަސްބާނަން ދޮޅުގަޑިއެއްހާއިރު ދުއްވާލާ ހޭދަކޮށްލުމަކީ ހިތްފަސޭހަވެ ތިންއިރު ކާލާނެ ލޮނުކަމެއް ލިބޭކަމެކެވެ.
ވަރަށް ގިނަ ފިރިހެނުންގެ އާދައަކަށް ވެފައިވާ ރަނގަޅު ކަމެކެވެ. ކަންނެލީގެ މަސްވެރިކަންވެސް ކުރަންފެށި ކަންނެލި ދޯނިތައް އިތުރުވާން ފަށައިފިއެވެ. ރަނގަޅު އާމްދަނީއެއް ލިބޭ ދިވެހިންގެ ލޭ ނާރެވެ. ފަޅުތެރެއަށް މުށިމަސްގަނޑު ވަދެފައި އޮންނަ ދުވަސްވަރު ފޫހިކަމެއްނެތި ފަތިހާއި ހަވީރު ދެދަޅައަށް މުށިމަސް ބާނަން ދިޔުމަކީވެސް އެތަކެއް ފިރިހެނުން ވަރަށް ކުރާހިތުން ކުރާ ކަމެކެވެ.
ފޮޓޯ: އަޙްމަދު ނާޒިމް
މަސްބާނައިގެން އައިސް ގާތް ރަޙުމަތްތެރި އަވަށްޓެރިންނާއި އާއިލާގެ ގެ ތަކަށް މަސް ދިނުމަކީ ރަނގަޅު އާދައަކަށް ވެފައިވާ ކަމެކެވެ. ހިތްހެޔޮ އެކުވެރި ރައްޔިތުން ދިރިއުޅޭކަމީ ރަށުގެ ކުރިއެރުމަށް ލިބޭ ހިތްވަރެކެވެ.
ފޮޓޯ: އަޙްމަދު ނާޒިމް
އަތޮޅުގެ ނިސްބަތުން އާމްދަނީ އެންމެ ރަނގަޅަށް ހޯދާ ރަށްތަކުގެ ތެރެއިން ށ އިން ބިލެތްފަހި ހިމެނޭނެއެވެ. އަތްތެރި މަސައްކަތުގެ ތެރެއިން ރުކުފަތީގެ ހާއްސަކޮށް ގޮށި ބަތްޕޮޅި ވިޔުމަށް ށ އިން ބިލެތްފަހީގެ މަސައްކަތްތެރިން މަޝްހޫރުވެފައިވަނީ އެހެން ރަށްތަކަށް ވާދަނުކުރެވޭހާ ހުނަރުވެރިކަން ހުރީތީއެވެ. މީގެ އިތުރުން ސާންތި ވިޔުމުގައިވެސް މިރަށަކީ ރާއްޖެއިންވެސް ފާހަގަ ކޮށްލެވޭ ރަށެކެވެ.
ފޮޓޯ: ބިލެތްފަހި ސްކޫލް ފޭސްބުކް ޕޭޖް
ކިއްސަރު ވަޑާމާއި ތެދުއި ވަޑާމުގެ މުރާލި ހުނަރުވެރިން ވަރަށްގިނައެވެ. އެންމެ ބޮޑު އާމްދަނީއެއް ހޯދުމަށް ކުރާ މައިގަނޑު އެއް މަސައްކަތެވެ. ވަޑާންކުރުމުގައި ހީވާގި ކުޅަދާނަ ވަޑިން ރަށުގެ އިތުރުން މުޅި ރާއްޖޭގެ އެކި ރަށްތަކުގައި ފޫހިކަމެއްނެތި ހަރަކާތްތެރިވެއެވެ. ށ އިން ބިލެތްފަހި އެއްވަނަ އެވެ. ރޯނު ވެށުމާއި، ފަންގިވިޔުމުގައި ޙާއްސަކޮށް ފިސާރި އަންހެން ކަނބަލުން އަވަދިނެތި ކުރާ ފުރިހަމަ މަސައްކަތުން ރަނގަޅު އާމްދަނީ އެއް ހޯދައެވެ.
ފޮޓޯ: ބިލެތްފަހި ސްކޫލް ފޭސްބުކް ޕޭޖް
ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ ޒުވާނުން މިއަދު އިތުރު ވަމުންދާކަން އެއީ ރަށުގެ އިޤުތިޞާދަށް އާ ދިރުމެއް ގެނެސްދޭ ކަމެކެވެ. މިރަށަކީ ށ އަތޮޅުން މަސައްކަތްތެރިންނަށް ފަހި ބިލެތްފަހީ އެވެ. ނަމޫނާ ރަށްވެހިންގެ ބިލެތްފަހީ އެވެ.
ފޮޓޯ: އަޙްމަދު ނާޒިމް
ސާފުތާހިރުކަމަށް ވަކިން ލޯބިކުރާ ބައެކެވެ. މަގުތަކާއި، ފިނިމައިޒާންތައް ސާފުކޮށް ކުނިކަހާ ބަލަހައްޓައެވެ. ދެފުރާޅު ޖައްސައި ހަދާފައިވާ ކޮންމެ ގޯއްޗަކުން ރަށްފުށުގެ ދިރިއުޅުމާއި ރަށްވެހިންގެ ކެރިފޯރުންތެރިކަމާއި ސާފުތާހިރުކަން ސާބިތުވެއެވެ.
ފޮޓޯ: އަޙްމަދު ނާޒިމް
ޤުދުރަތީ ރީތި ހުދުވެލި ގޮނޑުދޮށާއި، ޗާލު ތުނޑިއާއި، ސާފު ބޮޑު މަޑުނޫކުލައިގެ ފަޅުން ނަފާ ހޯދުމުގެ ވިސްނުން މިހާރު ގެންގުޅެން ފަށައިފިއެވެ. ޕިކްނިކް ދަތުރު ދިޔުމަށް ޙާއްސަ ތަންތަން ގޮނޑުދޮށުގައި ތަރައްޤީ ކުރެވިފަ އެބަހުއްޓެވެ.
ފޮޓޯ: ބިލެތްފަހީ ކައުންސިލް ފޭސްބުކް ޕޭޖް
ފޮޓޯ: ބިލެތްފަހީ ކައުންސިލް ފޭސްބުކް ޕޭޖް
ގެސްޓްހައުސް ވިޔަފާރި ފަށައިގެންފިއެވެ. ކޮންމެ ގެއަކުންވެސް ނަފާ ހޯދޭނެ ހޯމްސްޓޭ ވިޔަފާރިއަށް ތައްޔާރުވުމުގެ ރަނގަޅު ވިސްނުން ގެންގުޅެން ފަށައިފިއެވެ. ކައިރި ރަށްރަށުގެ މީހުން ޕިކްނިކް ދަތުރު އަންނަން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ފޮޓޯ: ނަޒާ ލޮޖް ގެސްޓް ހައުސް ފޭސްބުކް ޕޭޖް
ޝައުޤުވެރިވާ ހިތް އުފާވާ މަންޗިލަކަށް ބިލެތްފަހި ވީ މެހްމާނުންނަށް ހިތްހެޔޮކަމާއިއެކު މެހްމާނުދާރީ އަދާކުރުމުގައި ރިވެތި އަޚުލާޤާއި، ރީތި އާދަކާދައިގެ ނަމޫނާ ރަށްވެހިން ދިރިއުޅެމުންދާ ރަށަކަށް ވީކަމެވެ.
ފޮޓޯ: ބިލެތްފަހީ ޑަބްލިޔު.ޑީ.ސީ ފޭސްބުކް ޕޭޖް
ރަށަށް ލިބިފައިވާ ޤުދުރަތީ ރީތިކަން އެ ރީތިކަމުގައި ދެމެހެއްޓުމަށް ރަށުގެ އެންމެން އުފަލާއިއެކު ޝައުޤުވެރިކަން ހުރީތީއެވެ.
ބިލެތްފަހީގައި ނުހިނގާ ކަމެއްގެ ވާހަކައެއް ނުދައްކަމެވެ. އަމުދަކުން ދޮގެއްހެދޭ ވަރަށް ވުރެ ތެދުހަޤީޤީ ވާހަކަ ދެއްކޭވަރުގެ ހެޔޮ ރަނގަޅު ކަންތައްތަކެއް މިރަށުގައި އެބަހުއްޓެވެ. މިއީ ށ އިން ބިލެތްފަހި މަޝްހޫރުވެ ރަށު ރަށްވެހިން ފަޚުރުވެރިވާ ސަބަބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!