ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަޕްގުރޭޑްގެ މަސައްކަތެއް ކުރުމަށް ޚިދުމަތްތައް މެދުކަނޑާލި ވަގުތު އުންމީދު ކުރިވަރަށްވުރެއް އިތުރުވެފައިވާތީ އެވަގުތުތަކުގައި ކަސްޓަމަރުންގެ ފަރާތުން ފެނިގެންދިޔަ ކެތްތެރިކަމަށް އެބޭންކުން ޝުކުރު އަދާކޮށްފި އެވެ.

ޚިދުމަތްތަކަށް ބުރޫ އެރުމާއި ގުޅިގެން އެބޭންކުގެ ޚިދުމަތްތައް ހޯދާ ކަސްޓަމަރުންނަށްވަނީ ވަރަށް ބޮޑެތި ތުރާތަކާއި ތަކުލީފުތައް ކުރިމަތިވެފަ އެވެ.

Ad
rt

ބީއެމްއެލްއިން ރޭ ޚިދުމަތްތައް މެދުކަނޑާލާފައިވަނީ ފަތިހު 4 ޖެހި އިރު އެވެ. މެއިންޓަރނެންސްގެ މަސައްކަތް ނިންމާ، އަލުން ޚިދުމަތްތައް އިޔާދަކުރުމަށް ނިންމާފައި އޮތީ ހެނދުނު 6 ޖަހާއިރު އެވެ. ނަމަވެސް ޚިދުމަތްތައް ހައްލުވެފައިވަނީ 8:25 ހާއިރު އެވެ.

ބީއެމްއެލްއިން އެންމެ ފުރަތަމަ ނެރުނު މެއިންޓަރނެންސް ނޯޓިސްގައު ޚިދުމަތްތަކަށް ބުރޫ އަރާނެކަމަށް ބުނެފައިވަނީ މެންދަމު 12:00 އިންފެށިގެން ފަތިހު 4:00 އާއި ހަމަ އަށެވެ. ނަމަވެސް ފަހުން މިވަގުތަށްވަނީ ބަދަލު ގެނެސްފަ އެވެ. މީގެ ކުރިންވެސް މެއިންޓަރނެންސް ނުވަތަ އަޕްގްރޭޑް ނޯޓިސްގައިވާ ވަގުތު އެކިފަހަރު މަތިން ބަދަލުކޮށްފައި ވެއެވެ.

ބީއެމްއެލްއިން މީގެ ދޮޅުގަޑިއެއްހާއިރު ކުރިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އުންމީދު ކުރިވަރަށްވުރެއް އަޕްގުރޭޑްގެ މަސައްކަތް ދިގުލައިގެން ގޮސްފައިވާކަމަށެވެ. ޚިދުމަތްތައް އަލުން ލިބުމަށް އިތުރު ވަގުތު ނަގާނެކަމަށް އެބޭންކުން ބުނެފައި ވެއެވެ.

ކަސްޓަމަރުންގެ ކެތްތެރިކަމަށް ޝުކުރުދަންނަވާފައިވެއެވެ. ޚިދުމަތްތައް އިޔާދަވުމުން އެކަން މިހާރުވަނީ މީސްމީޑިޔާގެ މަންސަތަކުގައި އިޢުލާން ކޮށްފަ އެވެ.

މިފަހަކުން ބީއެމްއެލްގެ މެއިންޓަރނެންސް އަދި އަޕްގްރޭޑްގެ މަސައްކަތްތައް ކުރުމަށް ކޮންމެ ރެޔަކުހެން އަންނަނީ ޚިދުމަތްތަކަށް ބުރޫ އަރުވަމުންނެވެ. ދަންވަރުގެ ވަގުތުތަކުގައި މިމަސައްކަތް ކުރިއަށްގެންދަނީ ޚިދުމަތް ހޯދާ ފަރާތްތަކަށް އެކަމުން ކުރިމަތިވާނެ ތަކުލީފުތަށް ކުޑަކުރުމަށްކަމަށް ދިވެހިންގެ ބޭންކުން ބުނެއެވެ.

ބީއެމްއެލުން ވަނީ އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށްޓަކައި ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.