ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގެ ބިދޭސީ ނަރުހެއް، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން އެނގިތިބެ ފުލުހުންނަށް ރިޕޯޓު ނުކުރުމުން، އެ ހޮސްޕިޓަލްގެ 3 މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހު ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލުހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މަޢުލޫމާތު ޓްރީޕޮޓް ހޮސްޕިޓަލަށް ލިބުމުން އެމަޢުލޫމާތު އެވަގުތު ރިޕޯޓް ކުރަންޖެހޭ މުއައްސަސާތަކަށް ރިޕޯޓް ނުކޮށް، އަދުލުއިންސާފު ޤާއިމް ކުރުމަށް ހުރަސްއެޅި މައްސަލައިގައި ދައުވާ ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ، ޓްރީޓޮޕް ހޮސްޕިޓަލްގެ "ސްޕެޝަލް ކޮމިޓީ އޮން ވާރކްޕްލޭސް ބުލީއިން އެންޑް ހެރަސްމެންޓް" ގެ މެންބަރުން އަދި އެ ހޮސްޕިޓަލްގެ މުވައްޒަފުން ކަމަށްވާ ބ. އޭދަފުށި، ފެންއާރު، ޢާދިލް މޫސާއާއި، ތ. ގުރައިދޫ، ކޮވެލިގެ، އާމިނަތު ސުހާއާއި އަދި ސ. ހުޅުދޫ، ޑޭޒީވިލާ، ނަޛީރާ ނަޖީބުގެ މައްޗަށް ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ހާމަކުރަށްވާފަ ވެއެވެ.

މި ތިން މީހުންގެ މައްޗަށް ވެސް އުފުލާފައި ވަޏި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، އެނގިހުރެ ނޭންގުމުގެ ކުށުގެ ދަޢުވާ އެވެ.

އެ ދައުވާ އުފުލީ 22 ޑިސެންބަރު 2020 ދުވަހު، ޓްރީޓޮޕް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ ރޮމަރ ސިމޯރާ ލަޒާޑޯ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން، އެނގިހުރެ، އެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިނުވާތީއެވެ.

މި މައްސަލައަކީ ޢާންމު ފަރާތްތަކަކުން ޕީޖީ އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، 2021 މާރިޗު މަހު، ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރުމަށް އަމުރުކުރި މައްސަލައެކެވެ.