ހއ. ކެލާ ފަޅުގައި އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ނުވަތަ ސުޕަރ ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަކީ އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެއްކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން އިބްރޭ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ކަންތައްތައް އޮތީ މާލެކައިރިއަށް ޖަމާވެ، ފުނި ޖެހިފައި ކަމަށެވެ. މި ހަރަކާތްތައް ރާއްޖޭގެ ސަރަހައްދުތަކަށް ބަހާލެވި، އިޤްތިޞާދީ މަސައްކަތްތައް މުޅިރާއްޖެއަށް ބަހާލެވެން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ރާއްޖޭގެ އުތުރަކީ މިވަގުތު މާގިނަ އިޤްތިޞާދީ ހަރަކާތްތަކެއް ނުހިނގާ އޮތް ސަރަހައްދެއް ނަމަވެސް، ވަރަށް ގިނަ އިޤްތިޞާދީ ފުރުޞަތުތަކެއް އޮތް ސަރަހައްދެއް ކަމަށް އިބްރޭ ވިދާޅުވިއެވެ. އެހެންކަމުން އުތުރުން ލިބެންހުރި އިޤްތިޞާދީ ފައިދާތައް ނެގުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"މިގޮތުން އުތުރުން އެންމެ މުހިންމު އެއް ތަނަކީ އުތުރުގެ މައި ދޮރާށި ކަމަށްވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، މި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ލަސްވެގެން ދިޔުމަކީ އަޅުގަނޑުމެންގެ އިޤްތިޞާދަށް ފަސްޖެހުން، އެ މަސައްކަތް އަވަހަށް ފަށަން ގޮވާލަން،" އިބްރޭ ވިދާޅުވިއެވެ.

ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން މަސައްކަތް ކުރިކަމަށާއި، އެހެންނަމަވެސް މިހާތަނަށް އެކަން ފެށިފައިނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މިސަރުކާރުން ވެސް އެތައް ތާރީޚްތަކެއް ދެމުން އަންނަ ކަމަށާއި، މި އެއާޕޯޓްގެ މަސައްކަތް އަވަސްކުރަން ގޮވާލާކަމަށް އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، އުތުރުގައި ތަރައްގީކުރަން ނިންމާފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރަކީ ވެސް ވޭތުވި ސަރުކާރުތަކުން ވެސް އަދި މި ސަރުކާރުން ވެސް ވާހަކަ ދައްކަމުންދާ ކަމެއް ކަމަށާއި އެކަންވެސް ކޮންމެހެން ކުރަންޖެހޭ ކަމަށެވެ.

"އުތުރުގެ މަސްވެރިކަމަކީ މޫސުމީ މަސްވެރިކަމެއްނޫން، އާންމުގޮތެއްގައި ހުރިހާ ދުވަސްވަރެއްގައި ވެސް އުތުރަށް މަސްބާނާ، އެހެންނަމަވެސް އުތުރުން ބާނާ މަސް މި ޖެހެނީ ޅ. އަތޮޅާއި ހަމައަށް ގެންނަން، މި ހިސާބަށް އަންނައިރު މަސްވެރިން އިތުރު ތެޔޮ ޚަރަދު ކުރަންޖެހޭ، މަސްތައް ހުންނަނީ ހަލާކުވެފައި،" އިބްރޭ ވިދާޅުވިއެވެ.

އެހެންކަމުން އުތުރުގައި މަސް ފިނިކުރާ ފެސިލިޓީއެއް ހަދަންޖެހޭ ކަމަށް އިބްރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 8 ޑިގްރީ ޗެނަލް އޮންނަނީ ކެލާގެ އުތުރުން ކަމަށްވެފައި، މިޗެނެލްއިން އިންޑިޔާކަނޑުހުރަސްކުރާ 50 އިންސައްތަ އުޅަދު ހުރަސްކުރާ ކަމަށެވެ. އަދި ކޮންމެދުވަހަކު އެތަށް ޔޮޓެއް އަދި ބޮޑެތި ލަގްޒަރީ ޔޮޓްތަކުގެ އިތުރުން ޕެސެންޖަރ ލައިސްވެސް ގިނައަދަކަށް ހުރަސްކުރާ ކަމަށެވެ.

"ރާއްޖޭގެ މެރިޓައިމް ނުވަތަ ކަނޑުދަތުރުގެ މުހިންމު ސަރަހައްދަކީ މީގެ 400 އަހަރު ކުރިން ޕޯޗްކީޒު އެދުވަސްވަރު ކަޑުގެބާޒު ވަނީ ދަސްކޮށްފައި، ވިޔަޒޯރު ބާރަށުގައި އޮފީސް ހަދާ ހއ އަތޮޅު ބަލަހަށްޓަން ފަށާފައި ކެލާގެ ފަޅަކީ އަޖައިބެއްފަދަ ރީތިކަމަކާ ރައްކާތެރިކަން ލިބިފައިވާ ފަޅެއް، ކެލާ ކަޑުއޮޅިން ވަނުމަށްފަހު ބިބީރަށުގެ ކަނޑުއޮޅިން ނުކުންނަ މަގަކީ ރާއްޖޭގެ ދެވަނަ މިސާލެއްނެތް ފަސޭހަ ރައްކާތެރި ކަނޑުއޮޅިތަކެއް، ކެލާފަޅުގައި ސާވޭއެއްކުރި، އެ ސާވޭކުރި މެލޭސިޔާގެ ބިންތުލު ޕޯޓްކޮމްޕެނީ ބަރުހާދު އަކީ މެލޭސިއާގެ ދެވަނައަށް އެންމެ ބޮޑު ޕޯޓް، 2 ބިލިއަން ރިންގެޓްއަށް ވުރެމައްޗަށް ނެޓް އެސެޓް އަރާބޮޑުކުންފުންޏެއްމިއީ" އިބްރޭ ވިދާޅުވިއެވެ.

އެހެންކަމުން ކެލާ ފަޅަކީ އިންޓަނޭޝަނަލް ޔޮޓް މެރީނާއެއް ނުވަތަ ސުޕާރ ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށް ވަރަށް ފަސޭހަ، އެކަށޭނަ ތަނެއްކަމަށް އިބްރޭ ވިދާޅުވިއެވެ. އަދި މިއީ ބަޖެޓަށް ފައިސާ ހޯދުމަށް މިފަދަ އިގްތިޞާދީ ހަރަކާތްތައް ހިންގަންޖެހޭ ކަމަށާއި، މިއީ އުތުރުގެ އިޤްތިޞާދަށް ވަރަށް މުހިންމު ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިބްރޭ ވަނީ ކެލާ ދާއިރާގެ ރަށްތަކަށް އަންނަ އަހަރުގައި މުހިންމު ކަންތައްތަކެއް ހިމެނިފައިވާކަން ފާހަގަ ކުރަށްވާފައެވެ. އަދި ވެސް އެ ދާއިރާގެ ރަށްތަކަށް މުހިންމު ކަންކަން ހުރިކަން ފާހަގަ ކުރައްވަމުން އޭނާ ވަނީ މިހާރުވެސް ބަޖެޓްކުރެވިފައި ހުރި ކަންކަން އެ ދާއިރާގެ ރަށްރަށުގައި އެކަށޭނަ ގޮތެއްގައި ކުރިއަށް ނުދާއިރު، ބައެއް ދާއިރާތަކުގައި ހުރި ހުރިހާ މަޝްރޫޢުއެއް ހިންގަމުންދާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކެލާ ދާއިރާގެ ރަށްރަށަށް ބަޖެޓްކުރެވިފައިވާ މަޝްރޫޢުތައް ވެސް ކުރިއަށްދާންޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އިބްރޭ ވަނީ ކެލާއަކީ ފަތުރުވެރިކަމަށް ފައްކާ ކުރަމުންދާ ރަށެއްކަން ފާހަގަ ކުރަށްވަމުން، ކެލާގައި އެޅޭ ފެރީ ގިމަތަ ރައްޔިތުންގެ އިތުރުން ފަތުރުވެރިންނަށް ވެސް ޚިދުމަތްދެވޭނެ ތަނަވަސް، ޖާގަ އޮތް ތަނަކަށް ހެދަންޖެހިފައިވާ ކަމަށްވިދާޅުވެ، ބަޖެޓްގެ ތެރެއިން އެކަމަށް ޖާގަ ދެއްވުމަށް އެދިވަޑައިގެންފައެވެ.