ކަނޑިތީމު ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނައި، ތަންފީޒު ނުކުރާނަމަ ބަރުލަމާނީ ނިޒާމު ގެންނަން ތާއީދުކޮށްގެން ކުރިއަށްދާން ޖެހިދާނެ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބުދުﷲ ޝަހީމް އަބުދުލްޙަކީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން ޝަހީމް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގެ ވާހަކަ ދައްކާއިރު، 2021 ވަނަ އަހަރުގެ ބަޖެޓުން ކިހާވަރެއްގެ އުންމީދެއްލިބުނުތޯ އަދި ކިހާވަރެއް ހާސިލްވި ތޯ ބަލައިލަންޖެހޭ ކަަމަށެވެ. އަދި މީގެ އަހަރެއްގެ ކުރިން، އެ އަހަރުގެ ބަޖެޓަކާމެދު ވާހަކަ ދެއްކުމަށްފަހު ވަރަށް އުންމީދުގައި ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަމަވެސް މިއަދު ވަރަށް ހިތާމައާއިއެކު ވާހަކަ މިދައްކަނީ، ހަގީގަތަކީ 2021 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑިތީމު ދާއިރާއަށް ހުރިކަންކަމަށް އިހުމާލުވެގެން ދިޔަ ދިޔުން އެއީ އަޅުގަނޑު ނުހަނު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް" ޝަހީމް ވިދާޅުވިއެވެ.
އެހެންކަމުން ބަރުލަމާނީ ނިޒާމަކަށް ދާންޖެހޭ އެންމެ ބޮޑު ސަބަބު ބަޖެޓުން ސާފުވެގެން ދާކަމަށާއި، ފެނިގެން ދިޔައީ ރައްޔިތުންނަށް ޖަވާބު ދާރީނުވެވޭ އަދި ޖަވާބުދާރީ ވާންނުޖެހޭ ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބަޖެޓްގައި ހުރިކަންކަން ތަންފީޒު ކުރަން އާދޭސް ކުރިން، ފޯނު ކުރީމަ މިނިސްޓަރު ފޯނު ނުނަގާ ފިލައިގެން އުޅެނީ، ބަރުލަމާނީ ނިޒާމެއްގައި އެފަދަ ގޮތެއް މެދުވެރިއެއްނުވާނެ، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ މަޖިލިސް މެންބަރުން، ބާރުތައް ހުރެގެން އިންތިހާއަށް ކަންތައްތައް ވެގެން ދާނެ" ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ބަޖެޓަކަށް ދައްކާނެ މާބޮޑު ވާހަކައެއް ނެތް ކަމަށެވެ. އަދި ބަޖެޓަށް ބަލާއިރު ސަރުކާރުން ކަނޑިތީމު ދާއިރާގެ ރައްޔިތުންނާމެދު އިހްލާސްތެރިކަމެއް އޮތްކަމަށް ވާނަމަ ބަޖެޓަށް މަޝްރޫޢުތައް އިތުރުކުރަންޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ތިން އަހަރު ޖަހައިގެން ވެސް އެކަށްޗެއް ތަކުރާރުކޮށް މިއަންނަނީ، މިފަހަރުވެސް އިތުރު ކުރެވޭނެ އެއްޗެއް ނެތް، އެހެންނަމަވެސް މިބަޖެޓަށް އިތުރުކުރެވިގެން ނޫން ގޮތަކަށް ކަނޑިތީމު ދާއިރާގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުވާނެކަން އަޅުގަނޑު ޤަބޫލުކުރަން، މިވާހަކަ މި ދެއްކީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި،" ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަޖެޓް ކޮމެޓީން ބަޖެޓްގެ މަސައްކަތް ކުރަށްވާއިރު، އޭނާގެ މަޝްވަރާ ހޯދައިގެން ކަނޑިތީމު ދާއިރާގެ ރައްޔިތުން އެދޭކަންކަން ބަޖެޓްގައި ހިމަނައިދެއްވުމަކީ ވަަރަށް ބޮޑު އެދުމެއް ކަމަށެވެ.
ޝަހީމްގެ ވާހަކާގައި ވަނީ ކަނޑިތީމު ދާއިރާގައި މިހާރު ވެސް ބައެއް މަޝްރޫޢުތައް ހިނގަމުންދާކަން ފާހަގަ ކުރަށްވާފައެވެ.
"އެހެންނަމަވެސް މިދަންނަވާ ވާހަކައަކީ މައިގަނޑު ގޮތެއްގައި އަޅުގަނޑުމެންގެ ހައްގުތައް ކަށަވަރު ނުވާ ވާހަކަ، ކުރާކަމެއް އަބަދުވެސް ރަނގަޅޭ ބުނާނަން، ގޯސްވީމަ ގޯހޭ ބުނަނީ،" ޝަހީމް ވިދާޅުވިއެވެ.
އެއީ އެއްގޮތަކަށް ވެސް ވަކިބަޔަކާ ދިމާއަށް އިނގިލިދިއްކުރުމުގެ ގޮތުން ދަންނަވާ ވާހަކައެއް ނޫންކަމަށާއި، މިއަދު ވެސް ކަނޑިތީމު ދާއިރާގައި ހިނގަމުންދާ ޕްރޮޖެކްޓްތަކާ ދޭތެރޭގައި އެކަމަށްޓަކައި ޝަރުކާރަށް ޝުކުރު ދަންނަވަނާ ކަަމަށް އޭނާ ވިދާޅުވިއެވެ.
"ދެންހުރި ކަންކަން މި ބަޖެޓްގައި ހިމަނައި، މި ބަޖެޓްގައި ހިމެނުމަށް ފަހުގައި ތަންފީޒުކޮށް ދިނުމަށްޓަކައި މަސައްކަތްކޮށްދެއްވުން އެއީ އަޅުގަނޑު ވަަރަށްބޮޑަށް އެދޭކަމެއް، އެކަން ނުކުރާކަމަށް ވާނަމަ އަޅުގަނޑަށްވެސް ޖެހޭނީ ބަރުލަމާނީއަށް ތާއީދުކޮށްގެން ކުރިއަށް ދާން،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމްގެ ވާހަކާގައި ވަނީ ބައެއް ދާއިރާތަކުގައި މަޝްރޫޢޫތައް ގިނަ ކަމަށާއި، މަޝްރޫޢުތައް ހިނގާލެއް ބާރުކަމަށް ވެސް ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއަދުގެ ބަޖެޓް ބަހުސްގައި މެންބަރުން ފާހަގަކުރަށްވާ ކަންކަމަށް އެއްޗެއް ވިދާޅުވާން، މާދަމާގެ ޖަލްސާއަށް ފިނޭން މިނިސްޓަރު އިބްރާޙީމް އަމީރު މަޖިލިސް ތަޅުމަށް ވަޑައިގަންނަވާނެކަމަށް މިއަދުގެ ޖަލްސާފަށަމުން ރިޔާސަތުން މަޖިލިސްގެ ނައިބްރައީސް އީވާ ޢަބުދުﷲ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!