ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތް ކަމަށާއި، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ޙައްޤުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ "ކޮޕް26"ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތް ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއްކަމުގައި ވީ ނަމަވެސް، އަބަދު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަމަކާއި ނުލައި ދިވެހިންނަކީ ވެސް ދިރިއުޅެން ޙައްޤުވާ ބައެއްކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނުރައްކަލަކީ މުޅި ދުނިޔެ ތަހައްމަލުކުރަންޖެހޭ ކަމެއް ކަމަށާއި، މި ވަގުތު އެންމެން އެކަތިގަނޑަކަށްވެގެން އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށާއި ފާގަތިކަމަށް މަސައްކަތްކުރުން މުހިންމު ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް ވިދާޅުވިގޮތުގައި ނިސްބަތުން ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކަމުގައިވީ ނަމަވެސް ރާއްޖެއިން ދަނީ މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަސައްކަތްކޮށް އެކަމަށް މީހުން އަހުލުވެރިކުރުމުގައި އިސްނަގައި އެހެން ޤައުމުތަކަށް ނަމޫނާ ދައްކަމުންކަމަށެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރާއްޖެއިން 2030 ވަނަ އަހަރަށް ނެޓް-ޒީރޯ ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަޒުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެހެން ޤައުމުތަކުން އެކަހަލަ އަޒުމެއް ކަނޑަނާޅަކީ ކީއްވެގެންކަމާއިމެދު ސުވާލުއުފައްދަވާފައެވެ.