ތިލަދުންމަތީގެ ގިނަރަށްތަކަށް ދިމާވަމުންދާ ކަނޑޫފާ މަރުވުމުގެ މައްސަލަ ބޮޑުވެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، އަދިވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް ބްލޫ ޕީސްއިން ބުނެފިއެވެ.

ރާއްޖޭގެ ތިމާވެއްޓަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތައް ދިރާސާކޮށް ރައްކާތެރިކުރުމުގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ބްލޫޕީސް އިން މިގޮތަށް ހާމަކޮށް ކުރި ޓްވީޓެއްގައި ވާގޮތުގައި ކޭލަކުނުގެ ކަނޑޫފާތައް މަރުވަމުންދާ ދިއުމަށް އަދިވެސް ހައްލެއް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.

Ad
rt

އަދި 2015 އަހަރު އެ ކަނޑޫފާ ހުރި ގޮތުގެ ވީޑިއޯއާއި 2021 ވަނަ އަހަރު އެ ކަނޑޫފާއަށް އައިސްފައިވާ ބަދަލްތައް ދައްކުވައިދޭ ވީޑިއޯއެއްވެސް ބްލޫޕީސްއިން ވަނީ އާންމުކޮށްފައެވެ.

ކަނޑޫފާތައް މަރުވަމުންދާ ދިއުމާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންވެސް ވަނީ ދިރާސާތަކެއް ހަދާފައެވެ.

އެގޮތުން އެމިނިސްޓްރީއިން ހަދާފައިވާ ދިރަސާތައް ދައްކާގޮތުގައި ކަނޑޫފާތައް މަރުވުމަށް ދިމާވާ މައްސަލައަކީ، މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވުމުންކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީން އޭރު ހާމަ ކޮށްފައިވާ ގޮތުގައި ތިލަދުންމަތީގެ އެކި ރަށްތަކުގެ ކަނޑޫފާތަކަށް މައްސަލަތައް ދިމާވާންފެށުމާއިއެކު ހެދުނު ދިރާސާތަކުން ކަނޑޫފަލުގައި ތަފާތު ފަނިފަކްސާތަކެއް ހުރިކަމަށާއި މި ފަނިފަކްސާތަކަކީ އެގަސްތަކުގެ ހެދި ބޮޑުވުމަށް ހުރަސްއަޅާ އެއްޗެހިތަކެއްކަމަށް ކުރިދިރާސާއިން ހާމަވާކަމަށް ބުނެފައިވެއެވެ.

ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކަނޑޫފާތައް މަރުވުން ގުޅިފައި ވަނީ ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކަނޑޫފާތައް ހުންނަ ސަރަހައްދަށް މާ ގިނައިން ލޮނުގަނޑު ވައްދާ މައްސަލައާ އެވެ. ކުރުކޮށް ބުނާ ނަމަ، ކަނޑޫފާތައް މަރުވަނީ ކަނޑުގެ ލޮނުގަނޑު އުފުލި އެކަމުގެ އަސަރު ރާއްޖޭގެ ރަށްތަކަށް ކުރަމުން ދާތީ އެވެ.

ހިމާޔަތް ކޮށްފައިވާ ކޭލަކުނު ކަނޑޫފާވެސް މަރުވަނީ

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބްލޫޕީސް ޖަމިއްޔާ އިން ދަނީ ކުޅިތަކާއި، ފާތަކާއި، ޗަސްބިންތައް ރައްކާތެރި ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގަމުންނެވެ. އެ ޕްރޮޖެކްޓުގެ ދަށުން އެކި ރަށްރަށުގެ މިފަދަ މާހައުލުތަކާ ގުޅޭ ތަހުލީލުތައް ދަނީ ކުރަމުންނެވެ.

ހިމާޔަތްކޮށްފައިވާ ކޭލަކުނަކީ ރާއްޖޭގައި އޮތް ހަމައެކަނި "ޓްރޫ ފޮރެސްޓް" އެވެ. އެކިކަހަލަ ތަފާތު ރީތި ގަސްތަކުން ޖަރީވެފައިވާ އެ ރަށުގެ ކަނޑޫފާވެސް ނެތިދިއުމުގެ ބިރާއެކު މިއީ ވެށި ދެކެ ލޯބިވާ ކޮންމެ މީހަކަށްމެ ހިތްދަތި ޚަބަރެކެވެ.

ރާއްޖޭގެ އެކިހިސާބުތަކުގެ ކަނޑޫފާތައް މަރުވަމުންދާކަމުގެ ރިޕޯޓުތައް ލިބިފައިވާއިރު މިފަހުން ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ހާމަވި ގިނަ ކަނޑޫފާތައް ހުރި ރަށްތައް ނިސްބަތްވަނީ ރާއްޖޭގެ އުތުރަށެވެ. އެރަށްތަކުގެ ތެރޭގައި ހއ. އުލިގަމު، ހއ. ކެލާ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ. ކުމުންދޫ، ހދ. ކޭލަކުނު، ށ. ފޭދޫ، ށ. ފަރުކޮޅު ހިމެނެއެވެ.

މީގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ”ސޭވް މޯލްޑިވްސް” ހަރަކާތުން، އެ ހަރަކާތަށް ކަނޑޫފާތައް މަރުވަމުންދާ ކަމަށް ރިޕޯޓުލިބިފައިވާ ރަށްތަކުގެ ތެރޭގައި އިސްވެ ދެންނެވުނު ރަށްތަކުގެ އިތުރުން ށ. ގޮއިދޫ އަދި ނ. ކެނދިކުޅުދޫ ހިމެނޭ ކަމަށް ހާމަކޮށްފައިވެއެެވެ. މި ލިސްޓަށް އެންމެފަހުން އިތުރުވެފައި ވަނީ ގދ. ހޯނޑެއްދޫ އެވެ.