ސަރުކާރުން ހިމާޔަތްކޮށްފައިވާ ހދ. ކޭލަކުނުގެ ކަނޑޫފާވެސް މަރުވާން ފަށައިފިއެވެ.

ކޭލަކުނަކީ ރާއްޖޭގައި އޮތް ހަމައެކަނި "ޓްރޫ ފޮރެސްޓް" އެވެ. އެކިކަހަލަ ތަފާތު ރީތި ގަސްތަކުން ޖަރީވެފައިވާ އެ ރަށުގެ ކަނޑޫފާވެސް ނެތިދިއުމުގެ ބިރު އެބައޮތެވެ.

Ad
rt

ތިލަދުންމަތީގެ ގިނަރަށްތަކަށް ދިމާވަމުންދާ ކަނޑޫފާ މަރުވުމުގެ މައްސަލަ، ކޭލަކުނު ކަނޑޫފަލަށްވެސް ދިމާވަމުންދާތީ ގިނަބަޔަކު އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަދި ތިމާވެށީގެ އެކްޓްވިސްޓް އަބްދުﷲ އާދަމް (އެޑަމް) ވަނީ މިކަން މީސްމީޑިޔާގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ. ޓުވިޓަރގައި އެޑަމް ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މީގެ ކުރިން ފެހިކަން ގަދަކޮށް އޮތް އެ ރަށުގެ ކަނޑޫގަސްތައް ވަނީ ހިކި، މަރުވެފަ އެވެ.

އެފޮޓޯތައް ހިއްސާކުރަމުން އެޑަމް ވިދާޅުވީ ކޭލަކުނުގެ ހާލަތު މިހާ ގޯސް މިވީ އަދި އަލަށް ކަމަށެވެ.

އެޑަމް ބުނެފައިވަނީ، ކަނޑޫގަސްތަކުގެ މޫތައް ވަނީ ވަރަށް ބޮޑަށް ފާވެ، ހަލާކުވެފަސިކަމަށާއި އޭގެ ސަބަބުން ކަނޑޫގަސްތައް މަރުވެ، އެހެން ދިރުންތައް ވެސް ނެތިދާނެ ކަމަށެވެ.

ހ.ކޭލާ އަދި ހދ. ނޭކުރެންދޫއާއި ދެރަށުގެ ކަނޑޫފަލަށް ދިމާވެފައިވާ މައްސަލައިގައި ކުރި ފީލްޑް ސާވޭ އިން ދެރަށުގައި ތަފާތުތަކެއް ފާހަގަ ކުރެވޭކަމަށާއި ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވުމުންކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވަނީ މީގެކުރިން ހާމަކޮށްފައެވެ.

މިނިސްޓްރީން އޭރު ހާމަ ކުރެއްވިގޮތުގައި އެދެރަށުގެ ކަނޑޫފަލަށް މައްސަލަތަކެއް ދިމާވާންފެށުމާއިއެކު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގުޅިގެން ކުރި ދިރާސާއިން ދައްކާގޮތުގައި އެދެ ރަށުގެ ވެސް ކަނޑޫފަލުގައި ތަފާތު ފަނިފަކްސާތަކެއް ހުރިކަމަށާއި މި ފަނިފަކްސާތަކަކީ އެގަސްތަކުގެ ހެދި ބޮޑުވުމަށް ހުރަސްއަޅާ އެއްޗެހިތަކެއްކަމަށް ކުރިދިރާސާއިން ހާމަވާކަމަށް ބުނެފައިވެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާކަމަށްވާ ނޭކުރެންދޫ ކަނޑޫފާވެސް އަންނަނީ ނެތެމުންނެވެ. މީގެ އިތުރުން، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ. ކުމުންދޫ، ހއ. ކެލާ، ހއ. އުލިގަމް އަަދި ށ. ފޭދޫގެ ކަނޑޫފާވެސް ވަނީ ނެތިދާންފަށާފައެވެ. އަދި މިހާރު ހދ. ކޭލަކުނު މިވަނީ މި ލިސްޓަށް އިތުރުވެފައެވެ.

ކަނޑޫފާތަށް މަރުވަމުންދާ ކަމުގެ ވާހަކަ ދައްކާތާ އަހަރަކަށްވުރެ ގިނަދުވަސް ވެފާވާއިރު، މިހާތަނަށް އަދި އެކަމަށް ހައްލެއް ހޯދިފައެއްނެތެވެ.