ކޯވިޑް-19 އިން އަރައިގަނެވި ސިންގަޕޫރު ހުޅުވުމަށް ތައްޔާރުވެފައި ވަނިކޮށް އަނެއްކާވެސް އެގައުމުގައި ކޯވިޑް ކޭސްތައް އިތުރުވާން ފަށައިފިއެވެ.
ސިންގަޕޫރުގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި ކުއްލި އަކަށް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެ، ދުވާލެއްގެ މައްޗަށް 5،324 މީހުން ވަނީ އެބަށްޔަށް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ކޯވިޑް އެންމެ ކުރިން ފެތުރިގެން އައި އިރާއި އަޅާބަލާއިރު، މިދުވަސްވަރު ޕޮޒިޓިވްވާ މީހުންގެ އަދަދު މާބޮޑުތަން އިތުރުވެފައިވާކަން ސިންގަޕޫރުގެ ހެލްތް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
ދުވާލެއްގެ މައްޗަށް ކޯވިޑް ބަލީގައި އެގައުމުން 10 މީހުން މަރުވަމުން އަންނަ އިރު، މިހާތަނަށް އެގައުމުން 349 މީހުން ވަނީ ކޯވިޑް ބަލީގައި މަރުވެފައެވެ.
ކުއްލިއަކަށް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކޮށް، ކޯވިޑް ފެތުރެމުން އަންނަ ހިސާބުތައް މޮނިޓާކުރަމުން އަންނަކަމަށާއި، ލެބޯޓްރީތަކުގައި ޓެސްޓް ހަދާ ގިނަ މީހުންގެ ސާމްޕަލްތައް ޕޮޒިޓިވް ވަމުންދާތީ ކަންބޮޑުވާކަމަށްވެސް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެގައުމުގެ ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ގޭގައި ތިބެގެން ފަރުވާ ހޯދައި 20،895 ބަލިން ފަސޭހަވަމުން އަންނަަކަމަށާއި، 4،589 މީހުން ކޮމިއުނިޓީ ކެއާ ފެސިލިޓީތަކުގައި ފަރުވާ ހޯދަމުން އަންނަ އިރު، 849 މީހުން ޓްރީޓްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އަންނަކަމަށް ދައްކައެވެ. އަދި 1،777 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ހާމަކޮށްފައިވެއެވެ.
ސިންގަޕޫރުގައި ކޯވިޑްގެ ހާލަތު ގޯސްވެގެން ގޮސްފައި މިވަނީ އެގައުމުގައި ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލާ ގައުމު ހުޅުވުމަށް ތައްޔާރުވެފައިވަނިކޮށެވެ.
މިހާތަނަށް ސިންގަޕޫރުގެ 5.7 މިލިއަން މީހުންގެ އާބާދީގެ 80 އިންސައްތަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާކަމަށް އެގައުމުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!