ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުން އެ ރަށުގައި ހިންގަމުން އަންނަ އިމަގު ސްޕޯޓްސް އެކަޑަމީއަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޖުމްލަ ހަތަރު ކެޓަގަރީއަކުން ކުދިންނަށް ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ކެޓަގަރީ ތަކަކީ ގްރޭޑް 1، ގްރޭޑް 2، ގްރޭޑް 3، ގެ އިތުރުން ގްރޭޑް 5 އެވެ. އޮކްޓޯބަރ އިންޓޭކްގައި ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ކޮންމެ ކެޓަގަރީއަކުން އެންމެ ފުރަތަމަ ފޯމް ހުށަހަޅާ 10 ކުދިންނަށެވެ. އެއީ ޖުމްލަ 40 ކުދިންނަށެވެ.
މި އެކަޑަމީއާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަމުން އިމަގުގެ ސްޕޯޓްސް ސެކްރެޓަރީ ސައިފުﷲ އަޙްމަދު ރަޝީދު ބުނެފައިވަނީ އެ އެކަޑަމީ ކާމިޔާބު ކަމާއިއެކު ހިނގާތާ މިހާރު އެއް އަހަރު ވެފައިވާ ކަމަށާއި، އެކަޑަމީއަށް ކުދިން ވެއްދުމަށް ގިނަ ބެލެނިވެރިން އެދެމުންދިއުމާއި އަދި ގިނަ ކުދިންނަށް ފުރުޞަތު ދިނުމުގެ ބޭނުމުގައި އިތުރު 40 ކުދިން ނެގުމަށް އެކަޑަމީން ނިންމާ އިޢުލާން ކުރެވިފައިވާ ކަމަށެވެ.
ސައިފުﷲ އިތުރަށް ބުނެފައިވަނީ މި އެކަޑަމީ ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ އެ ރަށުގައި ކުދިންގެ މެދުގައި ފުޓްބޯޅަ ހުނަރު އިތުރު ކުރުމުގެ އިތުރުން އެކަޑަމީގެ ޕްރޮގްރާމްތަކުގެ ތެރެއިން ކުދިންގެ އަޚުލާގު ރަނގަޅު ގޮތުގައި ބައްޓަންކޮށް އެ ކުދިންނަކީ މުޖުތަމަޢަށް ބޭނުންތެރި ކުދިންނަށް ހެދުނަ ކަމަށެވެ.
މިވަގުތު އެ އެކަޑަމީގައި ހަމައެކަނި ފުޓްބޯޅަ ކުރިއަށް ގެންދިޔަ ނަމަވެސް ކުރިއަށް އޮތްތާގައި ހޭންޑްބޯލް ވޮލީބޯލްފަދަ ކުޅިވަރުތައް އެކަޑަމީއަށް ތަޢާރަފްކޮށް ކުރިއަށް ގެންދިޔުމަކީ އެ އެކަޑަމީގެ އަމާޒެއް ކަމަށެވެ. އެ އެކަޑަމީގައި މިހާރުވެސް 42 ކުދިން އަންނަނީ ތަމްރީނު ހަދަމުންނެވެ.
ސައިފުﷲ ވަނީ އެކަޑަމީގެ ކަންކަން ކުރިއަށް ގެންދިޔުމުގެ އެ އެކަޑަމީގައި ތަމްރީން ހަދަމުން އަންނަ ދަރިވަރުންގެ ބެލެނިވެރިނނަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
އެކަޑަމީގެ އޮކްޓޯބަރ އިންޓޭކްގައި ރަޖިސްޓަރީވުމަށް ތިރީގައިވާ ލިންކްގައިވާ ފޯމް ފުރިހަމަ ކުރެއްވާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!