ބޮޑުތިލަދުންމަތީގައި ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫޢުތަކާއެކު އެ ސަރަހައްދުގައި އިތުރު ވަޒީފާގެ ފުރުޞަޠުތައް އިތުރުވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު ޢާޠިފް ދެއްކެވި ވާހަކާގައި ވަނީ ބޮޑުތިލަދުންމައްޗަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ، ވަޒީފާގެ ފުރުޞަތު ނެތުންކަމަށް ފާހަގަ ކުރައްވާފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، ބޮޑުތިލަދުންމައްޗަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޤްތިޞާދުގެ ވަރަށްކުޑަ މިންވަރެއް އަދި ޙިއްޞާކުރާ ތަނެއް ކަމަށެވެ.
"އަޅުގަނޑު މި ދެންނެވީ ޓޫރިޒަމްގެ ވާހަކަ. ސަރުކާރުގެ ސިޔާސަތެއް، އެއީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމް ފަތުރައިލުން. މިކަން ކުރެވެން އަންނަނީ، މިއަށްވުރެ ފަސޭހައިން ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ޤާއިމުކުރެވިގެން." ރައީސް ވިދާޅުވިއެވެ.
މިގޮތުން ރައީސް ވަނީ ބޮޑުތިލަދުންމަތީގައި ހިންގޭ ބޮޑެތި މަޝްރޫޢުތަކާއެކު އެ ސަރަހައްދަށް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް އިތުރުވެގެން ދާނެކަން ފާހަގަ ކުރައްވާފައެވެ.
"އެނގިވަޑައިގަންނަވާނެ، ހަނިމާދޫ އެއަރޕޯޓް، އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް އެބަދޭ. އަދި އޭގެއިތުރުން، ރާއްޖޭގައި ފަށާ ހައި ސްޕީޑް ފެރީގެ އެންމެ ފުރަތަމަ ޕްރޮޖެކްޓް ފެށިގެން މި އަންނަނީ ބޮޑު ތިލަދުންމަތިން، ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ މި ސަރަޙައްދުގައި ހައި ސްޕީޑް ފެރީގެ މަސައްކަތްވެސް ފެށިގެންދާނެ."" ރައީސް ވިދާޅުވިއެވެ.
ޓޫރިޒަމާއި އަދި އޭގެއިތުރުން، ކުޅުދުއްފުށީގައި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލާއި، އަދިވެސް އެނޫން ކަންތައްތަކުގެ ސަބަބުން އެ ސަރަޙައްދުގައި އިތުރު ވަޒީފާތައް އުފެދިގެންދާނެކަމީ ޝައްކެއްއޮތްކަމެއް ނޫން ކަމަށް ރައީސް ޞާލިޙް ވަނީ ރޭ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!