ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ތައުލީމީ ދާއިރާގައި މިހާރު މަސައްކަތްކުރައްވާ ދިވެހި މުދައްރިސުންގެ އަދަދަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 6498 ދާއިމީ ދިވެހި މުދައްރިސުން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 891 ވަގުތީ މުދައްރިސުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި ތައުލީމީ ދާއިރާގައި މިހާރު މަސައްކަތްކުރައްވާ ރާއްޖެއިން ބޭރުގެ މުދައްރިސުންގެ އަދަދަކީ 1730 އެވެ. އެހެންކަމުން ޖުމްލަ 9119 މުދައްރިސުން މިހާރު ރާއްޖޭގައި ތައުލީމީ ދާއިރާގައި ދަނީ މަސައްކަތް ކުރައްވަމުންނެވެ.
"ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުމަކީ، އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް. އަދި ދިވެހި ޤައުމިއްޔަތާއި ދިވެހިބަހާއި ރާއްޖޭގެ ސަގާފަތަށް ކުދިންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށްޓަކައިވެސް ވަރަށް ބޭނުންތެރި ކަމެއް." ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފަވެއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ކުދިންނަށް ކިޔަވައިދީ، ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް، ބެލެނިވެރިން އެކުރައްވަނީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަމަށް ވިދާޅުވެފައެވެ.
ދަރިންނަށް ކިޔަވައިދީގެން މޮޅު ކުއްޖަކަށް ހެދުމުގެ އިތުރުން، ބެލެނިވެރިން މަސައްކަތް ކުރައްވަންވީ، ދަރިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން އިތުރަށް ތަރައްޤީކޮށްދެއްވުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ފަށްޓަވަންވީ، އެކުދިންގެ އެންމެ ތުއްތު ދުވަސްވަރުން ފެށިގެން ކަމަށް ވެސް ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ވަނީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިހާނުން ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމް ދެއްވާފައެވެ. މިގޮތުން އެކި މާއްދާތަކުން 33 ދަރިވަރަކު ދުނިޔޭގެ ފެންވަރުގައި އެކި ވަނަތައް ހޯދިއިރު، އެކި މާއްދާތަކުން ރާއްޖެ އިން އެއްވަނަ 12 ދަރިވަރަކު ހޯދި އެވެ.
މީގެތެރޭގައި ރާއްޖެއިން 1 ވަނަ ހޯދި ދަރިވަރުންގެ ތެރޭގައި ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ، ކުޅުދުއްފުށީ، ވިނަމާގެ، އައިޝަތު ރިސްލާ އުމަރު ހިމެނެއެވެ. ރިސްލާ ތައުލީމް ހާސިލްކޮށްފައި ވަނީ ސީއެޗްއެސްއީން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!