މަސް ބާނަން ހުރި މީހަކު ގަދަ ވަޔާއެކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.
އެމީހާއަކީ މާލޭ އިއްޒުއްދީން ފާލަން ބޭރު ތޮށިގަނޑުގައި މަސްބާނަށް ގޮސްހުރި މީހެކެވެ. އޭނާ މޫދައް ވެއްޓުނީ ޖެހުނު ގަދަވަޔާއެކުގައެވެ.
ފުލުހުންގެ ހިދުމަތުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު މިއަދު ހެނދުނު 06:52 ގައި އެ އިދާރާއަށް ލިބިފައިވާކަމަށެވެ.
ރިޕޯޓު ލިބުމާއެކު ފުލުހުން އެތަނަށް ގޮސް ފުލުހުން ވަނީ އެމީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސްފައެވެ.
"ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށް 07:20 އައިޖީއެމްއެޗްއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުންގޯސްވެފައިވާއިރު، ހިތާމަވެރި ހާދިސާތައް ވެސް އަންނަނީ ހިނގަމުންނެވެ. މިގޮތުން ހޮނިހިރު ދުވަހު ވަނީ މާލެ އިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗަކަށް އޮޅުވެލި ރިސޯޓް ކައިރިން އެރި ރާޅެއްގައި މޫދަށް ވެއްޓުނު އެކަކު ނިޔާވެ، އޭނާގެ ދަރިފުޅަކު ގެއްލިފައެވެ. މި ހާދިސާގައި ނިޔާވީ މ. ގްރީން ޕީކް، އުމުރުން 33 އަހަރުގެ މަރިޔަމް ނާހިދާ އެވެ. ގެެއްލުނު އޭނާގެ ދަރިފުޅު އަދިވެސް ނުފެނެއެވެ.
މީގެއިތުރުން އިއްޔެ މާލެއިން ފުރައިގެން ކުޅުއްފުށީ ސަރަހައްދީ ބަނދަރަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއްގައި ހުރި ދެ ކޮންޓެއިނާ ކަހާލައިގެން ކަނޑަށް ވެއްޓުމުގެ ހާދިސާއެއް ވަނީ ށ. ނޫމަރާ ކަނޑުން ހިނގާފައެވެ. މިހާދިސާގައި ދޯނީގައި މަސައްކަތްކުރާ ބިދޭސީއެއްގެ ބޯފެޅި އަނިޔާވެފަވެއެވެ.
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެއްކަމުން ދަތުރު ކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފާއި، ކަމާބެހޭ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!